ސްރީ ލަންކާގެ ޑޮކްޓަރުންގެ ޓީމަކުން، އުމުރުން ދުވަސްވީ ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ބޮޑު ހިލައެއް އޮޕަރޭޝަން ކޮށްގެން ނަގައިފިއެވެ. ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި މިއީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ވެސް އިންސާނެއްގެ ހަށިގަނޑުން ނެގި މިފަދަ އެންމެ ބޮޑު މަސާނާގެ ހިލައެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހަފްތާގައި، ސްރީ ލަންކާގެ އިރުމަތީގައިވާ ޓްރިންކޮމަލީ ޖެނެރަލް ހޮސްޕިޓަލުގައެވެ.
އުމުރުން 55 އަހަރުގެ މި ބަލިމީހާ އެންމެ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓުކުރީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދުމަށެވެ. ނަމަވެސް، ފަރުވާ ދެމުން ދިޔައިރު ކުޑަކަމުދިޔުމުގައި އުނދަގޫތަކެއް ހުރިކަން ފާހަގަކުރެވިގެން ޑޮކްޓަރުން އިތުރަށް ތަހުލީލުތައް ހެދުމުން، އޭނާގެ މަސާނާގައި ބޮޑު ހިލައެއް އުފެދިފައިވާކަން ވަނީ އެނގިފައެވެ.
މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ޑޮކްޓަރު ޕްރަހަލާހަން ބާލަކްރިޝްނަން، މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޮޕަރޭޝަނަށްފަހު ނެގި ހިލައިގެ ބަރުދަނުގައި ދުވަސްފުރާ ވިހާ ކުޑަކުއްޖެއްގެ ބަރުދަން ހުރި ކަމަށެވެ. އަދި އޭގެ ސައިޒު ހުރީ އޮސްޓްރިޗް ދޫނީގެ ބިހަކާ އެއްވަރަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މިއީ ލިބެންހުރި ރެކޯޑުތަކަށް ބަލާއިރު، އޮޕަރޭޝަން ކޮށްގެން މިހާތަނަށް މީހެއްގެ ގައިން ނެގުނު އެންމެ ބޮޑު މަސާނާގެ ހިލައެވެ.
ޑޮކްޓަރު ބާލަކްރިޝްނަން އިތުރަށް ވިދާޅުވި ގޮތުގައި، އެ ހިލަ އެ މީހާގެ މަސާނާގައި އުފެދި، ބޮޑުވަމުން އަންނަތާ 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ވެދާނެއެވެ.
މިހާރު ބަލިމީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ނަމަވެސް އޭނާގެ އެހެނިހެން ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށްޓަކައި އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ބާއްވާފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.









