ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހައިލި ހާދިސާގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރުޙޫމުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްގައި އެމަނިކުފާނު ވިދާޅުވީ، ވޮރަންޓް އޮފިސަރު 2 ޢަލީ ޙާމިދު އަވަހާރަވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަތް ވަރަށް ފުން ހިތާމައެއް ކަމަށެވެ.
މަރުޙޫމް ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރުގެ ދިގު ޚިދުމަތެއް ކުރައްވާފައެވެ. އެމަނިކުފާނު ވަނީ ޙާމިދު އަވަހާރަވީ ޤައުމީ ޚިދުމަތުގައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަން ފާހަގަކުރައްވާފައެވެ.
މި ހިތާމަވެރި ވަގުތުގައި މަރުޙޫމް ޢަލީ ޙާމިދުގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮ ރަޙުމަތް ލެއްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ މަރުޙޫމުގެ ޢާއިލާއަށާއި، ރަޙުމަތްތެރިންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންނެވިއެވެ.