ފަޚުރުވެރި މިނިވަން 60 ގެ ލޯގޯ އާންމުކޮށް، ކައުންޓްޑައުން ފަށައިފި

އާނާ ފަހީމް | 5 ގަޑިއިރު ކުރިން - 25 ޖޫން 2025 22:08
މިނިވަން 60ގެ ލޯގޯ
މިނިވަން 60ގެ ލޯގޯ
ޚުލާސާ

ދިވެހިވަންތަކަމާއި އިސްލާމީ އަގުތައް ހިމެނޭހެން ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ ލޯގޯ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލި މުބާރާތަކުން ހޮވައި އާންމުކޮށްފި.

ދިވެހިރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ލޯގޯ، ޕީއެސްއެމް ނިއުސްގެ ރޭގަނޑު 8:00 ގެ ޚަބަރު ތެރެއިން އާންމުކޮށް ދައްކާލައިފިއެވެ. މި ލޯގޯއަކީ މި އަހަރު ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ލިޔެކިއުންތަކާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ލޯގޯއެކެވެ.

މިއަހަރުގެ ނިޔަލަށް ބޭނުންކުރުމަށްޓަކައި ލޯގޯއެއް ފަރުމާކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިމަހު ކުރީކޮޅު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ އުސޫލުގައި ލޯގޯ ފަރުމާކުރުމުގައި އިސްލާމް ދީނާއި ދިވެހިބަހާއި ސަޤާފަތާއި ދިވެހި ތަރިކަ ރަމްޒްކޮށްދިނުމާއި، ދިވެހިވަންތަކަމާއި، ދިވެހި ބިމުގައި ދިވެހީންގެ ދަޢުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒްކޮށްދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ލޯގޯގައި ދިވެހިރާއްޖެ ރަމްޒުވާ ކުލަތައް ބޭނުންކުރުމަށްވެސް ވަނީ އަންގާފައެވެ.

މިނިވަން-60 ލޯގޯއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢާއިޝަތު ޙަމްލާ ވިދާޅުވީ، މި ފުރުސަތު ހުޅުވާލުމާއެކު ގާތްގަނޑަކަށް 30 ހުށަހެޅުން ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން ލޯގޯތައް އިންސާފުކުރުމަށް ޙާއްސަ ކޮމެޓީއެއް އެކުލަވައި އެ މަސައްކަތް ކުރިއަށް ގެންދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ކުރުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަނޑިޔާރުންގެ ކޮމެޓީގައި ކަނޑައަޅާފައިވާ ބޭފުޅުންނަކީ:

  1. އަލްއުސްތާޛް ކަޝިމާ އަހުމަދު ޝާކިރު - ދިވެހި ތާރީހުގެ އިސްވާރު
  2. މުހައްމަދު އަބްދުލް ޤާދިރު - ސުމޭކު އިސްވާރު
  3. މުހައްމަދު ޝަހުރުއްޒިޔާދު - ވުޒާރާގެ ޑިރެކްޓަރ
  4. ފަރެސް މުހައްމަދު އާމިރު - ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް

ލޯގޯއަށް އިންސާފު ކުރުމުގައި ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށް ފަނޑިޔާރުންގެ ކޮމެޓީގެ މެންބަރު މުހައްމަދު އަބްދުލްޤާދިރު ވިދާޅުވިއެވެ. މިގޮތުން ފަނޑިޔާރުން އިންސާފުކޮށްފައިވަނީ، މިމަރުހަލާ އިންސާފުވެރިކުރުމުގެ ގޮތުން ނަންބަރު ދެވިފައިވާ ލޯގޯތަކަށް ކަމަށާއި، އިންސާފު މަރުހަލާ ނިމި މާކްސްތައް ދެވިފައިވާ ގޮތަށް ބެލިއިރު ހުރިހާ ފަނޑިޔާރުންގެ ރަޢުޔު ދިމާވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން ބޭނުން ކުރާ ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރުމަށް 3 ދުވަހުގެ މުއްދަތެއް ނެގި ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%