މިއަދު ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ބައެއް ތަކެތި އޮޔާދާތީ ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވާން ސިފައިން ދެންމެ އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާދާތީ ދަތުރުވެރިން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓު ބަންޑުން ޖާހާލީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ކަމަށާއި އެ އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް އޮޔާދާ ކަމަށް ސިފައިން ބުންޏެވެ.
"ވީމާ, މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ," އެމްއެންޑީއެފުން ބުންޏެވެ.
ލޭންޑިން ކްރާފްޓުން ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ. އެ ބޯޓުގައި ދެން ތިބި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.