ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކ. ކާށިދޫ ކަނޑުތެރެއަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ސިފައިންގެ މީހާގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސަރު 2 އަލީ ހަމީދު، މި ދުނިޔެއާ ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއް ކަމަށެވެ.
އަލީ ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު، 27 އަހަރު ހިދުމަތް ކުރައްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ވެސް ގައުމީ ހިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށެވެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި އޭނާގެ އާއިލާ އާއި ސިފައިންގެ މުއައްސަސާއާއެކު މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރުހޫމުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮއްދެއްވުން އެދި ދުއާ ދަންނަވާ ކަމަށެވެ.
އަލީ ހަމީދު ނިޔާވީ ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑުތެރެއަށް މިއަދު ހެނދުނު ބަންޑުން ޖަހާލި ހާދިސާގަ އެވެ.
ބަންޑުން ޖަހާލި ސިވެކްގެ "އެލްސީ 308" ނަމްބަރު ލޭންޑިން ކްރާފްޓުގައި ޖުމްލަ ފަސް މީހުން ދަތުރުކުރި އެވެ. އެއީ ތިން ސިފައިންނާއި ދެ ބިދޭސީންނެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފްއިން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން ވެސް އެ އުޅަނދު ހޯދައި، ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން އެކަކު ކަމަށްވާ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ޑައިވަރުން ހޯދާފައެވެ. އަލީ ހާމިދު ފެނިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް، އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފަ އެވެ.









