އާރުޓީއެލް ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ

އަައިޝަތު ޒީނާ | 51 ދުވަސް ކުރިން - 25 ޖޫން 2025 11:06
އާރުޓީއެލް ފެރީތަކެއް. / ފޮޓޯ: އެމްޓީސީސީ
އާރުޓީއެލް ފެރީތަކެއް. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

އާރުޓީއެލް ޚިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހު 2 ގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭނެ.

އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރ. އަތޮޅުގެ ރައްޔިތުން އާރުޓީއެލް ޚިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހު 2 ގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ. އަހުލުވެރިކުރުވުމުގެ ދަތުރުތަކަށް ފަހު ޖުލައި 3 އިން ފެށިގެން އާރުޓީއެލް ފެރީގެ ދަތުރުތައް ކުރިއަށްގެންދާނީ ޓިކެޓު ނަގައިގެން ކަމަށް ވުޒާރާއިން ބުންޏެވެ.

ޓިކެޓު ނަގަން ބޭނުންވާ ކަސްޓަމަރުންނަށް އާރުޓީއެލްގެ ވެބްސައިޓާއި އެޕު މެދުވެރިކޮށް ޓިކެޓު ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އަތޮޅުގައިވެސް އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ރ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރުޓީއެލްގެ ފެރީގެ ޚިދުމަތް ކުރިއަށްދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށް ވުޒާރާއިން ބުންޏެވެ.

އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފޭސް އަކަށް ބަހާލައިގެން 6 ޒޯން އަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށްގެންދާ ޤައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި އަރާމުގައި ކަނޑުމަގުން ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހިކުރުމާއި އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ޤާއިމްކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%