ޅ. މަޑިވަރު އެއާޕޯޓާއި ދިމާ ބޭރު ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ދެ މީހަކަށް ފަރުވާ ދިނުމަށް މާލެ ފޮނުވާލައިފިއެވެ.
މި ޙާދިސާގައި ހިނގާފައިވަނީ ހިންނަވަރު ޑިންގީއަކާއި ކަނުހުރާ ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ.
ރޭ 20:26 ހާއިރު ހިނގި މި ޙާދިސާގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ވަނީ ގެއްލިފައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެ ޑިންގީ ވަނީ އަޑިއަށް ގޮސްފައި ކަމަށް ބެލެވެއެވެ.
އެ އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ޑިންގީގައި ތިބި 3 މީހުންނަށެވެ. އެ 3 މީހުންނަށް ވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ފޮނުވާލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވީ ޑިންގީގެ ކެޕްޓަން އާއި އިތުރު މީހަކަށް ކަމަށެވެ.
ފުލުހުން ބުނީ މި ޙާދިސާ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.