ރައީސް އޮފީހުން ކުރިއަށް ގެންދާ "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027"ގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މިއަދު މެންދުރު ފަހު ބޭއްވި އެ ސެޝަންގައި، ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މުއައްސަސާތަކުން ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މިއަދުގެ ސެޝަންގައި "އިންފުލުއެންސް: ދަ ހާޓްބީޓް އޮފް ލީޑާޝިޕް"، މި މައުޟޫއަށް ވާހަކަދެއްކެވީ އެމްޕަވަރިންގް އޯލްގެ ފައުންޑަރު މަސްއޫދު އަލީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހައްގީގީ ލީޑާޝިޕްގެ އަސާސީ ސިފައަށް އަލިއަޅުއްވާލައްވައި، މަސްއޫދު ވިދާޅުވީ އެއީ ހަމައެކަނި ހުނަރުތައް މެނޭޖުކުރުން ނުވަތަ ޓީމުތަކެއް އެކުލަވާލުމަށް ވުރެ ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއް ކަމަށެވެ.
ޕާސަނަލް އިންފްލުއެންސް ނުވަތަ ހަގީގީ މުއާމަލާތްތަކާއި އިތުބާރުހިފޭ އަދި އިޖުތިމާއީ ހުނަރުތަކުގެ ޒަރިއްޔާއިން އެހެން މީހުންގެ ވިސްނުމާއި އަމަލުތަކާއި އިހުތިޔާރުތަކަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަމާއި ގުޅުން ބަދަހިކުރުމާއި ފައިދާކުރަނިވި ހަރުދަނާ ގޮތެއްގައި މުއާމަލާތު ކުރުމާއި ނުފޫޒުގެ އަހުލާގިއްޔަތާއި އިސްތިރާޖާ ބެހޭ ގޮތުން ވެސް މަސްއޫދު ވާހަކަދެއްކެވި އެވެ.
ހަރުދަނާ ލީޑާޝިޕެއް ބިނާވަނީ ހަރުދަނާ ގޮތެއްގައި މަގުސަދު ދެނެގަތުމާއި އިތުރުބާރު އުފެއްދުމާއެކު، ވަކިވަކި ފަރުދުންނަށް ވެސް ކުރިއަރާ ދެވޭނެ ފަދަ ވެއްޓެއް ބިނާކުރުމުގެ މައްޗަށް ކަން މަސްއޫދުގެ ވާހަކައިގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، "އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް" އަކީ ސިޔާސީ ގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންގެ ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ކުޑަކުރުމާއި އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެ އެވެ.
އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ އިންޓަރެކްޓިވް ލެކްޗާތަކާއި ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.









