ސިވިލް ސާވިސް މުވައްޒަފުންގެ މުހިންމު ދައުރު ފާހަގަކުރެއްވުމުން އދ. އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު މަރުހަބާ ކިޔައިފި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުން އަދާކުރަމުން އަންނަ މުހިންމު ދައުރު ރައީސް ފާހަގަކުރެއްވުމުން އދ. އިން އެކަމަށް މަރުހަބާ ކިޔާފައި ވަނީ އދ. އިން ފާހަގަކުރާ ޕަބްލިކް ސާވިސް ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކޮށްފައިވާ ޕޯސްޓެއްގަ އެވެ.
އދ. ގެ ޕޯސްޓުގައި ބުނީ ރާއްޖޭގެ ސިވިލް ސާވިސްގެ މުވައްޒަފުން ހިތްވަރާއެކު ގައުމަށް ކުރައްވަމުން ގެންދަވާ ހިދުމަތް ފާހަގަކޮށް، ސިވިލް ސާވިސްގެ މުވައްޒަފުން އަދާކުރަމުން އަންނަ ދައުރަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއްގެ ގޮތުގައި ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވި ކުރެއްވުމަށް މަރުހަބާ ކިޔާ ކަމަށެވެ.
ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕަބްލިކް ސާވަންޓުންނަކީ ހެޔޮ ވެރިކަމެއްގެ ތަނބުތަކެއް ކަމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.
ގައުމުގެ ކުރިއެރުމާއި ހެވާއި ލާބަޔަށް ދައުލަތުގެ ހިދުމަތްތެރިންނާއި މުއައްސަސާތަކުން ދެއްވާ އެއްބާރުލުމަށާއި އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ސިވިލް ނުވަތަ ޕަބްލިކް ސާވަންޓުންގެ ދުވަހުގެ ގޮތުގަ އެވެ.