އުސް ޢިމާރާތެއްގެ މަތިން އޭޕްރީލް 18 ވަނަ ދުވަހު އަންހެނަކު ވެއްޓުނު ހާދިސާ އިތުރަށް ތަޙްޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް އެންގެވީ، ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް އަދި އޭނާގެ ބޭބެ ދާއޫދު އަޙްމަދުގެ އިތުރުން، އެ ހާދިސާއާ ގުޅިގެން މައުލޫމާތު ނުދީ ތިބި ފަރާތްތަކުގެ ބައިވެރިވުން އިތުރަށް ތަޙްޤީޤްކުރުމަށެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 2025 އޭޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ރައުދު އަޙްމަދު ޛިލާލް ހ. މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގެއެވެ. އަދި ދާއޫދު އަޙްމަދު މައްސަލައިގެ ތަޙްޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަޙްޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ.
މީގެ އިތުރުން، ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރުވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، އެދުވަހުގެ ހެނދުނު ހ. މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭކަން ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.
ވުމާއެކު، މި ހާދިސާގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ އިހުމާލު އިތުރަށް ތަޙްޤީޤުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށް އަންގަވާފައެވެ.