މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ގާތުން ބަލަމުންދާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޔަހޫދީންނާއި އީރާނާއި ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާއި ގުޅޭގޮތުން ސޯޝަލް މީޑީއާގެ އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ވަޒީރު ޒަމީރު ވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަން ހާމަކުރައްވާފައެވެ.
އެގޮތުން، ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ އަގުތަކަށް އައިސްދާނެ ބަދަލުތައް ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަތުވެދާނޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާއެކު ކުރަމުން ދާކަމަށާއި، މިކަމުގެ ތަކުލީފް ދިވެހިންނަށް އުފުލަން ނުޖެހޭނެ ގޮތަކަށް ސަރުކާރުން ކަންކަން އިންތިޒާމް ކުރައްވަމުންގެންދަވާނެކަމަށްވެސް ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.