ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މޫސާ ޒަމީރު އިސްތިއުފާ ދެއްވިކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވާފައިވާއިރު، އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިހާރު ވަނީ ފޮނުއްވާފައެވެ. ނަމަވެސް، ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މި ސަރުކާރު އެކުލަވާލެވުނުއިރު، މޫސާ ޒަމީރު އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް، ސެޕްޓެމްބަރު 30، 2024 ގައި ކެބިނެޓަށް ގެނައި ބަދަލާއެކު އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައެވެ. އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް ޕަބްލިކް އެންޓަޕްރައިސަސް އިތުރުކޮށް، އެ ވުޒާރާގެ ޒިންމާތައް ވަނީ ފުޅާކޮށްފައެވެ.
ޒަމީރަކީ މި ސަރުކާރުގެ ކެބިނެޓުގައި އެންމެ ނުފޫޒުގަދަ އަދި ސީނިއާ އެއް ވަޒީރެވެ. އެގޮތުން، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ރައީސް އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާކަން ކުރެއްވުމުގެ އިތުރުން، ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްކަން ވެސް ކުރައްވަމުން ގެންދެވީ އޭނާއެވެ.
ޒަމީރު އިސްތިއުފާ ދެއްވާފައި މިވަނީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ރަނގަޅު ހަބަރުތަކެއް ލިބެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ދުނިޔޭގެ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް އިން ރާއްޖޭގެ ރޭޓިން މިދިޔަ ހަފުތާގައި ވަނީ މަތިކޮށްފައެވެ. އަދި މިދިޔަ އޭޕްރީލް މަހު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ވެސް ރާއްޖެއިން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ.
ޒަމީރުގެ އިސްތިއުފާއާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.









