ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ރައްޔިތުންގެ އިޖުތިމާއީ އަދި ފަރުދީ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދީގެން އެކުލަވާލާފައިވާ ބަޖެޓެކެވެ. ޖުމްލަ 59.7 ބިލިއަން ރުފިޔާގެ މި ބަޖެޓުން އުމްރާނީ ތަރައްގީގެ ބޭރުން ހިންގާ ހިދުމަތްތަކަށް 51.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ އެކި ދާއިރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރާ ހޭދައެކެވެ.
ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 4 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ނިމިގެން މިދާ އަހަރަށްވުރެ %8.8 ގެ އިތުރުވުމެކެވެ.
ބަޖެޓުގައި އިޖުތިމާއީ ދާއިރާއަށް ކަނޑައަޅާފައިވާ ވަކިވަކި އަދަދުތަކަށް ވަލާއިރު ބަލި މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެހީ 1.07 ބިލިއަނަށް އަށް އާރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި ބަލިބައްޔަށް ބޭސްކުރުމަށް ދޫކުރާ އެހީގެ ގޮތުގައި 251.6 މިލިއަން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެހީގެ ގޮތުގައި 825.4 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަދި އުމުރުން ދުވަސްވީމީހުންނަށް ކުރާ ޚަރަދު 2.09 ބިލިއަނަށް އާރާނެ ކަމަށް އަންދާޒާ ކުރެވޭއިރު ކުޑަކުދިންނަށާއި އާއިލާއަށްދޭ އެހީގެ ގޮތުގައި 443.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މުޖުތަމައުން އެކަހެރިކުރެވިފައިވާ ފަރާތްތަކަށް އެހީވުމަށް 274.2 މިލިއަން ރުފިޔާއާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް 119.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
މި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށެވެ. އެގޮތުން ސިއްހީ ދާއިރާއަށް އެކަނިވެސް 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ހިދުމަތް ފުޅާކުރުމާއި ބޭހުގެ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން، ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހިންގާ ހިލޭ ޑިގްރީ ޕްރޮގްރާމަށް 136.3 މިލިއަން ރުފިޔާ ވަނީ ހާއްސަކޮށްފައެވެ.
މި ބަޖެޓަކީ ހަމައެކަނި ކޮންކްރީޓް ބިނާތަކަށް ހޭދަކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ބަޖެޓެކެވެ. ކަރަންޓާއި ކާބޯތަކެތީގެ ސަބްސިޑީތަކާއި އާސަންދަ މެދުނުކެނޑި ކުރިއަށް ގެންގޮސް، ނާޒުކު ފަންތިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓުގައި ވަނީ ފުރިހަމައަށް މަގުފަހިކޮށްދީފައެވެ.



