މި އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 6.9 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 27 އޮގަސްޓް ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.92 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ކުރިއެރުން ލިބިފައިވަނީ ޓެކްސް އާމްދަނީއާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު އާމްދަނީއެއް ފާހަގަކުރެވިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 239.5 މިލިއަން ރުފިޔާ (%12.1) ގެ އިތުރުވުމެކެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު %9.2 ގެ ކުރިއެރުމަކާއެކު 21.73 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި މުދަލުގެ ޓެކްސްގެ ގޮތުގައި 5.55 ބިލިއަން ރުފިޔާ، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.87 ބިލިއަން ރުފިޔާ، ޖީ.އެސް.ޓީގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ އަދި އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.26 ބިލިއަން ރުފިޔާ ހިމެނެއެވެ.
މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީ %32.0 އިތުރުވެ 1.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާ ހިމެނެއެވެ. ހަމައެއާއެކު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ %88.0 ގެ ބޮޑު ކުރިއެރުމަކާއެކު 471.8 މިލިއަން ރުފިޔާއަށް އުފުލިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ޚަރަދުތައްވެސް ވަނީ %17.5 އިންސައްތަ އިތުރުވެ 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދަކީ 26.14 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދަކީ 3.82 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މުސާރައާއި އުޖޫރައަށް 4.75 ބިލިއަން ރުފިޔާ އަދި އެހެނިހެން އިނާޔަތްތަކަށް 4.04 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މީގެ އިތުރުން ސަބްސިޑީތަކާއި އެހީގެ ގޮތުގައި 8.54 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.45 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު %9.0 ގެ އިތުރުވުމެއް އައިސްފައިވެއެވެ. އެގޮތުން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 1.24 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް 292.1 މިލިއަން ރުފިޔާ އަދި އުމްރާނީ ތަރައްގީގެ އެހެނިހެން ވަސީލަތްތަކަށް 834.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއާއެކު، އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތަކަށް ސަރުކާރުން ކުރި ޖުމްލަ ޚަރަދު ވަނީ 3.33 ބިލިއަން ރުފިޔާއަށް އަރާފައެވެ.









