މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހު ނިމުމަކާ ހަމައަށް އައިރު، ރަސްމީ ރިޒާވު ވަނީ 638 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، ޖޫން މަސް ނިމުނުއިރު ރިޒާވުގައި ހުރީ 686.83 މިލިއަން ޑޮލަރުކަމުގައިވިޔަސް، ޖުލައި މަސް ނިމުނު އިރު، ރިޒާވު ވަނީ 638.03 ޑޮލަރަށް ވެއްޓިފައިއެވެ. މިއީ 48.8 މިލިއަންގެ ދަށްވުމެކެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު، މިއީ 136،47 މިލިއަންގެ ދަށްވުމެކެވެ.
ރަސްމީ ރިޒާވުގައި ހުރި މިންވަރު ދަށްވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސްވަނީ ދަށްވެފައިއެވެ. އެގޮތުން، ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 221.8 މިލިއަން ޑޮލަރު ހުރި އިރު، ޖުލައި މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ ޖުމުލަ 248.9 މިލިއަން ޑޮލަރެވެ. އެހަންކަމުން މިއީ 27.1 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
ޖޫންމަހާ އަޅާބަލާއިރު، ޖުލައި މަހު ރަސްމީ ރިޒާވު މަދުވުމަށް މެދުވެރިވި މައިގަނޑު ސަބަބެއްކަމުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ޖުމުލަ ބޭރުފައިސާ ވިއްކި އަދަދު އިތުރުވެފައި، ބޭރުފައިސާ އެމްއެމްއޭއަށް އެތެރެކުރި މިންވަރު މަދުކަމެވެ. އެގޮތުން ދަތުރުފަތުރު، ބޭސްފަރުވާ އަދި އުމްރާ ދަތުރުތަކަށް ޑޮލަރު ވިއްކި އަދަދު ޖުލައި މަހާއި ޖޫން މަހާ އަޅާބަލާއިރު 172 އިންސައްތައަށް ވަނީ އިތުރުވެފައިކަމުގައި ތަފާސްހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގެ ރިޒާވް 1.3 ބިލިއަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ ޖުމްލަ 638،03 މިލިއަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. ރިޒާވުގައި ހުރި މިންވަރަށް އެހާ ބޮޑުތަފާތެއް އައީ އެ މަހު ބޮޑެތި ދަރަނިތަކެއް ދެއްކުމުންކަމުގައި އެ އިދާރާއިން ފާހަގަކުރިއެވެ.
ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، ރިޒާވް ހިފެހެއްޓުމަށާއި ބޭރު ފައިސާގެ ބާޒާރު ހަމަޖެއްސުމަށް މަރުކަޒީ ބޭންކުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.









