މާލެ ސަރަހައްދުގައި ތަރައްގީކުރަމުން އަންނަ ރަސްމާލެ މަޝްރޫއަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ އިތުރުން، ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއެއްގެ ތެރެއިން ދައުލަތަށް 170 ބިލިއަން ރުފިޔާ ލިބޭނެކަމީ ޝައްކު އުފެއްދޭނެ ކަމެއް ނޫނެވެ.
މިހާރު ރާއްޖޭގެ ދައުލަތަށް އަހަރަކު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބެނީ ގާތްގަނޑަކަށް 35 އާއި 40 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއު ތަރައްގީވެގެންދާ މުއްދަތުގެ ތެރޭގައި ލިބޭނެ ކަމަށް އަންދާޒާކުރެވޭ 170 ބިލިއަން ރުފިޔާއަކީ ދައުލަތުގެ މިހާރުގެ އެތައް އަހަރެއްގެ ޖުމްލަ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ.
ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ފެންވަރު ރަނގަޅު ރެސިޑެންޝަލް އިމާރާތްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްތައް، ވިޔަފާރި މަރުކަޒުތައް، މެރީނާ އަދި މުނިފޫހިފިލުވުމުގެ ތަފާތު ހިދުމަތްތައް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފައިނޭންސް ކުރުންވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫއު ފަރުމާކޮށްފައިވަނީ މާލެ ސަރަހައްދުގެ ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ އިތުރުން، އިގްތިސާދީ އާ މަރުކަޒެއް ބިނާކުރުމުގެ އަމާޒުގައެވެ.
ސަރުކާރުގެ އަންދާޒާތައް ދައްކާގޮތުން މި މަޝްރޫއު ނިމި ފުރިހަމަވުމުން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. އިމާރާތްކުރުމުގެ މަރުހަލާގައި ކޮންޓްރެކްޓަރުންނާއި، އިންޖިނިއަރުން އަދި ސަޕްލަޔަރުންނަށް ފުރުސަތުތައް ފަހިވާއިރު، މަޝްރޫއު ނިމުމުން ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކަށް ދާއިމީ ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާނެއެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ބޭންކިންގ، ޓްރާންސްޕޯޓް އަދި ސިއްހީ ދާއިރާ ފަދަ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ދާހިލީ އިގްތިސާދުގައި ފައިސާ ދައުރުވާ މިންވަރު އިތުރުވެގެންދާނެއެވެ.
އަދި މީގެ އިތުރުން، ރާއްޖޭގެ މައި ވައިގެ ބަނދަރާ ކައިރީގައި ގާއިމުކުރެވޭ މި ސިޓީގެ ސަބަބުން، ރާއްޖޭގެ ސަގާފީ ރިސޯޓު މޮޑެލްގެ ބޭރުން އާބަން އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ފުޅާވެގެންދާނެއެވެ.
މި މަޝްރޫއުގެ އާމްދަނީއާއި ވަޒީފާގެ ފުރުސަތުތަކަކީ މަޝްރޫއު ތަންފީޒުވާ މިންވަރެއްގެ މައްޗަށާއި ބާޒާރުގެ ޑިމާންޑަށް ބިނާވެފައިވާ ކަންކަން ކަމުގައި ވީނަމަވެސް، ރޭވިފައިވާ ގޮތަށް މި މަޝްރޫއު ކުރިއަށް ގޮސްފިނަމަ، މިއީ ރާއްޖޭގެ އިގްތިސާދަށް އަންނާނެ އެންމެ ބޮޑު ބަދަލަކަށް ވެގެންދާނެއެވެ. އަދި ދިވެހިން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތް އަދި ވިޔަފާރިކުރާ ގޮތް ބަދަލުކޮށްލާނެ އައު އިގްތިސާދީ އިންޖީނަކަށް ރަސްމާލެ ވެގެންދާނެއެވެ.



