ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް، އެ ބަދަލުތައް ގެނައުމުގެ އަމަލީ މަސައްކަތްތައް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސިޔާސީ މަގާމުތައް މަދުކުރުމާ ގުޅޭގޮތުން ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ސާފުކޮށްދެއްވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ޚާއްޞަ ބާރުތަކުގެ ދަށުން އުފައްދަވާ ވަޒީފާތަކެއް ކަމަށެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، މި މަގާމުތަކުގެ އަދަދު މަދުކުރާނެކަން ރައީސް ކުރިންވެސް ރަސްމީކޮށް އިއުލާން ކުރައްވާފައިވާކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.
ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ފަރުވާ ކުޑަކޮށް މަސައްކަތްކުރާ މުވައްޒަފުން މަގާމުން ވަކިކުރެވޭނެ ނިޒާމެއް ސަރުކާރުން އެކުލަވައިލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ 3 މެއި 2025 ގައެވެ.
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މާލީ ހާލަތު ޖުމްލަކޮށް ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށްޓަކައި ހިންގުމުގެ ޚަރަދުތައް ކުޑަކުރުމެވެ









