އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، އެ ޤައުމުގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުން ގުޅިގެން ޚާއްޞަ އަހުދުނާމާއެއްގައި ސޮއިކޮށް އެއްގަލަކަށް އަރައިފިއެވެ. އިޒުރޭލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް އާންމު އިންތިޚާބުގައި ނަތަންޔާހޫގެ ސަރުކާރު ބަދަލުކުރުމަކީ އިދިކޮޅު ޞަފުތަކުގެ އެންމެ މަތީ އަދި އެންމެ އިސް މަޤްޞަދު ކަމުގައި ހެދުމަށް ހުރިހާ ލީޑަރުން ވަނީ މި އަހުދުނާމާގައި ރަސްމީކޮށް ވައުދުވެވަޑައިގެންފައެވެ.
މި އެއްބަސްވުމުގައި ބާރުއަޅާފައިވަނީ، އިދިކޮޅު ޕާޓީތަކުގެ މެދުގައި ހުރި ސިޔާސީ އަދި ފިކުރީ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތަށްޓަކައި އެންމެން އެކަތިގަނޑަކަށް ވުމަށެވެ. އިދިކޮޅު ލީޑަރުން ޤަބޫލުކުރައްވާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރުން ގެންގުޅޭ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން އިޒުރޭލުގެ ސަލާމަތާއި އިޤްތިޞާދު ވަނީ މީގެ ކުރިން ދުވަހަކުވެސް ހީނަރުނުވާ މިންވަރަށް ނާޒުކު ފައްތަރަކަށް ވެއްޓިފައެވެ. އެހެންކަމުން، މިވަގުތު އިޒުރޭލަށް އެންމެ މުހިންމީ ވެރިކަމުގެ ހުންގާނު ބަދަލުކުރުން ކަމަށް މި އަހުދުނާމާގައިވެއެވެ.
އިދިކޮޅު ބާރުތަކުން އެކުލަވާލި މި ވަރުގަދަ އިއްތިހާދުގެ ސަބަބުން އިޒުރޭލުގެ ސިޔާސީ މަސްރަޙަށް ބޮޑެތި ލޮޅުންތަކެއް އަރައި، ނަތަންޔާހޫގެ ކޯލިޝަނަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ޚާއްޞަކޮށް، ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕޭނުގައި އިދިކޮޅު ޕާޓީތަކުން ނަތަންޔާހޫއާ ދެކޮޅަށް ގުޅިފައިވާ ވަރުގަދަ ލަޝްކަރެއްގެ ގޮތުގައި މަސައްކަތްކުރާނެކަން މިހާރު ވަނީ ޔަޤީންވެފައެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ މި ނިންމުމާ ގުޅޭގޮތުން ނަތަންޔާހޫގެ ލިކޫޑް ޕާޓީން އަދި ރަސްމީކޮށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.








