ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ނޯވޭއާއި ރައީސް މަޝްވަރާކުރައްވައިފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 23 ޖޫން 2025 18:14
ނޯވޭގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ނޯވޭގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދެޤައުމުގެ ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ކިންގްޑަމް އޮފް ނޯވޭގެ އައު ސަފީރު، ހަރ އެކްސަލަންސީ މައި-އެލިން ސްޓެނަރ، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް މިއަދު އަރުވައިފި.

ކިންގްޑަމް އޮފް ނޯވޭގެ އައު ސަފީރު، ހަރ އެކްސަލަންސީ މައި-އެލިން ސްޓެނަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. ރައީސް އޮފީހުން ދެއްވި މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ، ރަސްމީ އިއްޒަތުގައި ހަތްކޮޅުގައި ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ނޯވޭގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު، ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު، އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިދާއިރާގައި ނޯވޭގެ ކުންފުނިތަކުން އިންވެސްޓްކުރުމަށް ފަހި ފުރުސަތުތައް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް ނޯވޭއިން ތަޢުލީމީ ފުރުސަތުތައް ހުޅުވާލުމާއިބެހޭ ގޮތުންވެސް ދެ ބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސަފީރުގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމާއި، ރައީސް އިޝާރާތްކުރެއްވި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖެ އާއި ނޯވޭއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނަ އަހަރުގެ މާޗް މަހުގެ 26ވަނަ ދުވަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%