ވިޔަފާރިއާ ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުން އަދި ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަމާއި މެދު ސްޕެއިންއާއި މަޝްވަރާކުރައްވައިފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 23 ޖޫން 2025 17:56
ސްޕެއިންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި/ ފޮޯ: ރައީސް އޮފީސް
ސްޕެއިންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި/ ފޮޯ: ރައީސް އޮފީސް
ޚުލާސާ

ސްޕެއިންއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޚުއާން އެންޓޯނިއޯ މާރޗް ޕުޔޮލް، މިއަދު ރައީސްއާއި ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި.

ކިންގްޑަމް އޮފް ސްޕެއިންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޚުއާން އެންޓޯނިއޯ މާރޗް ޕުޔޮލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ސްޕެއިންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުންފަދަ ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ހިމެނެއެވެ. އަދި ސްޕެއިނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަކަން ފާހަގަކުރައްވައި، ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، މިކަމަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށާ، އަދި މި ކުރިއެރުން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން ދޭދޭ ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތައް ދެނެގަނެ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކުގައި މަސައްކަތްކުރަމުން ދާނެކަމުގެ ޔަޤީންކަންވެސް ދެބޭފުޅުން ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ސްޕެއިނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%