މޯލްޑިވްސް ޕޯސްޓުގެ ހިދުމަތް ދޭން މާފަންނުން ކުއްޔަށް ދޭ އިމާރާތެއް ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ޕޯސްޓު އޮފީހުން ކުރި އިއުލާނުގައި ބުނީ އެ ކުންފުނީގެ ފަރާތުން ޕޯސްޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލޭގެ މާފަންނުން ކުއްޔަށް ދޫކުރާ އިމާރަތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ, އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމަށް އަގު ހުށަހަޅާ ފޯމް"އާއެކު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ބީލަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.
ޕޯސްޓު އޮފީސް މިހާރު ހިންގަނީ ހެންވޭރުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތެއްގަ އެވެ.
މާފަންނުގައި ޕޯސްޓު އޮފީހެއް ހުޅުވަން އުޅޭއިރު, ޗައިނާގެ ޓީމޫއިން ރާއްޖެއަށް ޑެލިވަރީ ފެށުމާ އެކު ޕޯސްޓު އޮފީހަށް ވަނީ ވަރަށް ބާރުބޮޑުވެފަ އެވެ. އެހެންވެ, އެ އޮފީހުގެ ސްޓާފުން އިތުރުކޮށް, ހިދުމަތް ދޭ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ.