ބޮޑެތި ޕާރުސަލްއަށް ޚާއްސަކޮށް ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯރ ގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފި
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހުގެ ގްރައުންޑް ފްލޯގައި ބޮޑެތި ޕާރުސަލްތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ޕިކްޕޯސްޓް" ސްޓޭޝަނެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަޙްމަދުއެވެ.
މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޚިދުމަތް ތަޢާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް، ޑެލިވަރީ ނިޒާމު ޒަމާނީ ފެންވަރަކަށް ފުޅާކުރުމެވެ. ޚާއްސަކޮށް އީ-ކޮމާސް ވިޔަފާރިތައް ފުޅާވުމާ ގުޅިގެން ޕޯސްޓްގެ ޒަރީއާއިން އެތެރެކުރާ މޭލާއި ތަކެތީގެ އަދަދު އިތުރުވަމުންދާތީ، ކަސްޓަމަރުންގެ ބޭނުންތަކަށް އަވަސް އަދި ފަސޭހަ ޙައްލެއް ހޯދައިދިނުމަކީވެސް މި ފިޔަވަޅުގެ މުހިންމު މަޤްޞަދެކެވެ.
މި ސްޓޭޝަން ހުޅުވުމާއެކު، ބޮޑެތި ޕާރުސަލްތައް ލިބިގަތުމަށް ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، ޕޯސްޓުގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެއެވެ.
މޯލްޑިވްސް ޕޯސްޓުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފަރުމާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވެދޭ މައިގަނޑު އެއް ޚިދުމަތްތެރިޔާ (ޓްރޭޑް ފެސިލިޓޭޓަރ) ގެ ގޮތުގައި އެ ކުންފުނިން އަދާކުރާ ދައުރު އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.





