ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) ޕޯސްޓަލް ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމަށާއި، ޑިޖިޓަލް ފައިނޭންސިންގގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ގުޅިގެން ފަށައިފިއެވެ. މި މަޝްރޫއަކީ ބައިނަލްއަގްވާމީ ޕޯސްޓްގެ މައި އިދާރާ ކަމުގައިވާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީ.ޔޫ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އައި.އެސް.ޑީ.ބީ.އައި) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިކަމަށްޓަކައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މިއަދު ބޭއްވި އިފްތިތާހީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ނަޒީރު ވިދާޅުވީ، މި މަސައްކަތަށް ބޭނުންވާ ގާނޫނީ އަދި ރެގިއުލޭޓަރީ މާހައުލެއް ގާއިމުކޮށްދީ، ކަމާގުޅުންހުރި މުއައްސަސާތައް ގުޅުވާލައިގެން ދިރާސާގެ ހޯދުންތައް ޢަމަލީ ފިޔަވަޅުތަކަކަށް ބަދަލުކުރުމަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" އަދި "ޑިޖިޓަލް-ފަސްޓް ނޭޝަން" ގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްދާ މުހިންމު މަސައްކަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑރ. ނަޒީރު އިތުރަށް ވިދާޅުވީ، ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކަށް ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމަކީ ހަމައެކަނި އޮންލައިން ފިހާރައެއް ހުޅުވުމުން ނިމޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފައިސާ ލިބޭނެ އިންތިޒާމުތަކާއި، ދަތުރުފަތުރާއި، ކަސްޓަމްސް މުއާމަލާތްތައް ފަދަ ލޮޖިސްޓިކްސް ހިދުމަތްތައް އިތުބާރާއެކު ހަމަޖެހެންޖެހޭ ކަމަށާއި، މި ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނެތުމުގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހެނީ އެންމެ ކުދި ވިޔަފާރިތަކުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫއުގެ ތެރެއިން ޕޯސްޓަލް ހިދުމަތްތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތައް އަދި އިސްލާމިކް ފައިނޭންސިންގ ހިމެނޭހެން މާލީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ގޭގައި ތިބެގެން މަސައްކަތްކުރާ ކަނބަލުންނާއި، ޒުވާނުން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ގައުމީ ތަރައްގީގައި ހިއްސާވުމުގެ ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދިރާސާއާ ގުޅިގެން ޔޫ.ޕީ.ޔޫގެ ފަންނީ މާހިރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް، ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއި، ރެގިއުލޭޓަރީ އިދާރާތައް އަދި ސްޓޭކްހޯލްޑަރުންނާއެކު 5 ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ އަލީގައި، އެމް.އެސް.އެމް.އީ ދާއިރާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަނެ، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް އެކުލަވައިލެވޭނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ ޕޯސްޓަލް ނެޓްވަރކްގެ ބޭނުން ހިފައި، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވާސިލުވުމުގެ މަގު ފަހިކޮށްދިނުމެވެ. އަދި އީ-ކޮމާސް، ލޮޖިސްޓިކްސް އަދި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަފީޤު ވިދާޅުވީ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި މުވާސަލާތީ އަސާސީ ވަސީލަތެއްގެ ގޮތުގައި ޒަމާނުއްސުރެ ޕޯސްޓުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު ހިދުމަތްތައް ޒަމާނީކުރުމުގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން 'އީޓުކުރި' އަދި 'ކޮމިއުނިޓީ އޮންލައިން ޝޮޕް' ފަދަ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން "ޕްރޮސްޕަރ އެމް.އެސް.އެމް.އީސް" ފަދަ އިސްނެގުންތަކުގެ ތެރެއިން ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފުރުސަތު ހޯދައިދިނުމުގައި ކުރިއަރާފައިވާ 'ޓްރޭޑް ފެސިލިޓޭޓަރެއް'ގެ ދައުރު އަދާކުރުމަކީ ކުންފުނީގެ އަމާޒު ކަމުގައި އެމްޑީ ފާހަގަކުރެއްވިއެވެ.
މިއަދުގެ އިފްތިތާހީ ބައްދަލުވުމުގައި ޔޫ.ޕީ.ޔޫގެ އެކްސްޕާޓް ޓީމުގެ މެންބަރުންގެ އިތުރުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.






