ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، އެމްޑީޕީއާ އަލުން ގުޅުމަށް ސޮއިކުރަން އޮތް ރަސްމިއްޔާތު، އިބްރާހިމް ސޯލިހުގެ ފެކްޝަނުން ބޮއިކޮޓްކޮށްފި އެވެ.
އެމްޑީޕީ މިހާރުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، އިބްރާހިމް ސޯލިހުގެ ފެކްޝަނުން މި ރަސްމިއްޔާތު ބޮއިކޮޓް ކޮށްފައިވާ ކަން ޚުލާސާއަށް ކަށަވަރު ވެފައިވާއިރު އިބޫ ފެކްޝަނުގެ ބައެއް އިސްވެރިން ވަނީ ސަޕޯޓަރުންނަށް ގުޅައި ރަސްމިއްޔާތުގައި ބައިވެރި ނުވުމަށް އެދިފައެވެ. އިބޫގެ ފެކްޝަނުން ޤަބޫލުކުރާ ގޮތުގައި އެ ޕާޓީއަށް 2023 ގެ ރިޔާސީ އިްތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނީ ސީދާ ރައީސް ނަޝީދުގެ ސަބަބުންނެވެ.
ރިޔާސީ އިްތިހާބުގެ ކެމްޕެއިނުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެކަމަށް ޕޯޑިއަމްތަކުގައި އަޑުހަރުކޮށް ވިދާޅުވެފައެވެ. އަދި އިބްރާހީމް ސޯލިހު ރިޔާސީ އިންތިހާބުގައި ފެއިލްކުރުމަށް އެމަނިކުފާނު ވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ. ޑިމޮކްރެޓްސް އިންތިހާބު ކާމިޔާބުކުރުމަށް ވުރެ އެ ޕާޓީގެ މަޤްސަދަކަށް ވެފައިވަނީ އެމްޑީޕީ ފެއިލްކޮށްލުމެވެ. ޖެހިގެން އައި މަޖިލިސް އިންތިހާބުގައި ވެސް އެފަދައެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ އެ އިންތިހާބަށްވެސް ކެނޑިޑޭޓުން ނެރެ އެ ޕާޓީގެ މަޤްސަދު ހާސިލްކޮށްފައެވެ.
ދަ ޑިމޮކްރެޓްސްގެ ބައެެއް އިސްވެރިން، އެމްޑީޕީއާ އަލުން ގުޅެން ދެކޮޅެވެ. ސަބަބަކަށް ވެފައިވަނީ ރައީސް ނަޝީދު ނިމިދިޔަ ވެރިކަމުގައި ބާކީކޮށްލުމެވެ. އަދި އެޕާޓީގެ ވެރިންނާއި އެމަނިކުފާނުގެ ސަޕޯޓަރުން ޤަބޫލުކުރާ ގޮތުގައި 6 މެއި 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އަށް އިންސާފު ހޯދައިދޭން އިބްރާހީމް ސޯލިހާއި އޭނާގެ ވެރިކަމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.
ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު އަލުން އެމްޑީޕީއާއި ގުޅެނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާށެވެ. އަދި އިބޫގެ ފެކްޝަނުގެ ސަޕޯޓަރުން ޤަބޫލުކުރާ ގޮތުގައި މިރޭ ނަޝީދު އެމްޑީޕީ އަށް ސޮއިކުރާ ޖަލްސާގައި އެމްނިކުފާނު 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާނެ އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިބޫ، 2028 ގައި ވާދަކުރައްވާނެކަން އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނުގެ ފެކްޝަނުން ބިގޭ މެދުވެރިކޮށް ވަނީ އިއުލާން ކުރައްވާފައެވެ. މި ދަނޑިވަޅުގައި އިބޫ ވާދަކުރައްވާނެކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިރޭގެ ރަސްމިއްޔާތުގައި ނަޝީދު ވެސް ވާދަކުރައްވާނެކަން އިއުލާނު ކުރާނެކަމަށް ބަލައިގެންނެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީއަށް ވާދަކުރައްވާނެކަން މީގެ ކުރިން އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ވެސް ވަނީ އިއުލާން ކުރައްވާފައެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ރޭސް ވަރަށް ފޯރިގަދަވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.