ކެމްބޯޑިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ރޮތެ މާނީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައި ދެޤައުމުގެ ދެމެދު އިންވެސްޓްމެންޓް ފުޅާ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ބޭއްވެވި މަޝްވަރާތަކުގައި އެންމެ ބޮޑަށް އަލިއަޅުވައިލެއްވީ ޚާއްސަކޮށް ފަތުރުވެރިކަމާއި، ވިޔަފާރި އަދި އިންވެސްޓްމަންޓް ފުޅާކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުންނެވެ.
މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް، ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ސަފީރު ރޮތެ މާނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން، ރައީސް ވަނީ އައު ސަފީރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މި މަޤާމަށް ވަޑައިގެންނެވިކަމަށްޓަކައި ތަހުނިޔާ އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާ ކެމްބޯޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1995 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. ދެޤައުމުގެ ގުޅުމަކީ ދެމެދުގައި އޮންނަ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.