ޓަރމިނަލްގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން އެތަނަށް ޒިޔާރަތްކުރައްވާ ސައިޓްގެ މަސައްކަތްތައް ބައްލަވައި، ކޮންޓްރެކްޓަރުންނާ ބައްދަލުކުރައްވާ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރައްވައެވެ. އަދި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް، އެއްވެސް ދަތިކަމެއް ނެތި ލިބޭކަން ދަނީ ކަށަވަރުކުރައްވަމުންނެވެ.
މި ޓަރމިނަލް ވެގެންދާނީ އެންމެ ޒަމާނީ ޚިދުމަތްތަކާއެކު ޚިދުމަތްދޭ ޓަރމިނަލަކަށެވެ. ޓަރމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެތެރެއިން މުވައްޒަފުން ތަމްރީންކުރުމާއި އެއަރޕޯޓް ސަރަޙައްދަށް ގެންނަންޖެހޭ ބަދަލުތައް ދަނީ ގެންނަމުންނެވެ. އަދި އާ ޓަރމިނަލަށް ބޭނުންވާ ޔުޓިލިޓީގެ ޚިދުމަތްތައްވެސް ދަނީ ގުޅަމުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީ.އައި.އޭ) އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށް، ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނޑިނޭޅި މަސައްކަތްކުރައްވަމުންދާކަމަށާއި، އެކަމަށް ބޭނުންވާ މާލީ އަދި ހެނިހެން ކަންކަން އެއްވެސް ދަތިކަމެއް ނެތި ހަމަޖައްސަވައިދެއްވަމުން ގެންދަވާކަމަށް އެމް.އޭ.ސީ.އެލްގެ ސީއީއޯ އިބްރާޙިމް ޝަރީފް އަޙުމަދު ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، މީޑިއާތަކާއެކު ގުޅުން ބަދަހިކުރުމަށް ބޭއްވި ޚާއްސަ އިވެންޓެއްގައެވެ.
މަސައްކަތް ދިޔައީ ލަސްކޮށްކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ފުރަތަމަ ދުވަހުން ފެއްޓަވައިގެންވެސް އިރުޝާދު ދެއްވަމުން ގެންދެވީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހޭނީ ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް އަވަސްކޮށްގެން ކަމަށެވެ. ސަރުކާރު ހަވާލުވިއިރު ފިނިހަކަ ދުވެލީގައި އޮތް އެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެމް.އޭ.ސީ.އެލްއާއި ކޮންޓްރެކްޓަރ އަދި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތައް ގުޅިގެން މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"އިޤްތިޞާދު ކޮޅަށް ޖަހަން، ޓަރމިނަލް ނިންމުމަކީ ކުރަން މަޖުބޫރުވެފައިވާ މަސައްކަތެއް ކަމަށް ރައީސް ދެކެވަޑައިގަންނަވަނީ. މިއީ އިތުރު އޮޕްޝަނެއް އޮތް ކަމެއް ނޫން. މަސައްކަތް ފުރިހަމައަށް ބައްލަވާ އިރުޝާދު ދެއްވަމުންދާއިރު، މަސައްކަތް އަވަށް ނިންމުމަށް ބޭނުންވާ ފައިނޭންސް އަދި ރިސޯސް ދަނީ ހަމަޖައްސަވައިދެއްވަމުން" އެމް.އޭ.ސީ.އެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިއަހަރުގެ ޕީކް ސީޒަންގައި އެންމެ ގިނައިން މީހުން ދަތުރުކުރި ދުވަހު، އެރައިވަލް އަދި ޑިޕަރޗަރ ހިމެނޭހެން 23,000 ޕަސެންޖަރުން މިހާރުގެ ޓަރމިނަލް ބޭނުންކުރިކަމަށެވެ. މިހާރު މިހުރި ދަތިތަކަށް އަންނަ ޕީކް ސީޒަންގެ ކުރިން ހައްލު ލިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ ޓަރމިނަލް އަންނަ އޮކްޓޯބަރު މަހު ހުޅުވުމަށް ނަމަވެސް، މި ސަރުކާރުންވަނީ މި މަސައްކަތް އަވަސްކޮށް، ރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާގަގަކުރާ ޖުލައި މަހުގެ 26ވަނަ ދުވަހު އައު ޓަރމިނަލް ހުޅުވުމަށް ނިންމާފައެވެ.









