ބާރުބޮޑުވެ އެންމެ ފަހުން ޓީމޫގެ އޯޑަރުތައް ޑެލިވަރީ ކުރުމަށް ރެޑްބޮކްސްއިން ނިކުމެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 5 ގަޑިއިރު ކުރިން - 22 ޖޫން 2025 02:51
ރެޑްބޮކްސް - ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރ ހިދުމަތް ދޭ ކުންފުންޏެއް. / ފޮޓޯ: ރެޑްބޮކްސް
ރެޑްބޮކްސް - ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރިއަރ ހިދުމަތް ދޭ ކުންފުންޏެއް. / ފޮޓޯ: ރެޑްބޮކްސް
ޚުލާސާ

ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ޗައިނާގެ "ޓީމޫ" ގެ އޯޑަރުތައް ޑެލިވަރީ ކުރުން މި ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް ލަސްވެ އާންމުންގެ ޝަކުވާ އިތުރުވެފައި.

އަލީ އެކްސްޕްރެސް ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ "ޓީމޫ" ގެ އޯޑަރުތައް ޑެލިވަރީ ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރިއަރގެ ހިދުމަތް ދެމުން އަންނަ ރެޑްބޮކްސް އިން ފަށައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ރެޑްބޮކްސްގެ ފޭސްބުކް ޕޭޖުން ނެރެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންގެ ޓްރެކިންގ ނަމްބަރުތައް ފަށާފައި ހުންނާނީ "MV" މިހެން ކަމަށާއި ޓީމޫގެ ޕާރުސަލްތައް އެމީހުންގެ އޮފީސްތަކުން ލިބޭނެ ކަމަށެވެ.

ރެޑްބޮކްސްގެ ދެ އޮފީހަކާއި ޕިކް-އަޕް ސްޓޭޝަނެއް މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާއިރު މާލޭގައި އޮފީސް ހުންނާނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ލިންކ ސާވް ކައިރީގައެވެ. އަދި އެމީހުންގެ ޕިކް-އަޕް ސްޓޭޝަން ލޮނުޒިޔާރަތް މަގުގެ ވީބީ މާޓް ކައިރީގައި ހުންނައިރު ހުޅުމާލޭގައި އެމީހުންގެ އޮފީސް ހުންނާނީ ބޮކަރުމާ ހިނގުމުގައެވެ.

ރެޑްބޮކްސް އިން ބުނެފައިވަނީ ޕާރްސަލް ނަގާލުމަށް އެމީހުންގެ ފަރާތުން މެސެޖެއް ފޮނުވާނެ ކަމަށާއި، މެސެޖު ލިބުމުން ރެޑްބޮކްސްގެ ސައިޓަށް ވަދެ ޓޯކަންއެއް ނަގާލުމަށްފަހު ޓޯކަންގައިވާ ގަޑިއަށް މެސެޖުގައިވާ އޮފީހަށް ޕާރްސަލް ބަލައި ދިޔުމަށެވެ.

އަދި ކުދި ޕާރްސަލްތައް ނަގާލުމަށް އެމީހުންގެ ޕިކަޕް ސްޓޭޝަނަށް ދިޔުމަށް މެސެޖް ފޮނުވާނެ ކަމަށާއި މި ކަމަށް ޓޯކަން އެއް ބޭނުމެއް ނުވާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ދާދި ފަހުން ރާއްޖެއަށް މަޝްހޫރުވެފައިވާ ޓީމޫ އަކީ ދިވެހިން ވަރަށް ގަޔާވާ ފަދަ ތަކެތި ހުންނަ ވެބްސައިޓެކެވެ. ޝިޕިންގ ގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭ މި ސައިޓުން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ އޯޑަރު ދިވެހިން ކުރާ ކަމަށް ވެއެވެ. ރާއްޖެއަށް ޓީމޫ ފުރަތަމަ ތައާރަފް ވެގެން އައިއިރު 8-7 ދުވަސް ތެރޭ ލިބޭއިރު މިހާރު ދެ މަސް ވާއިރުވެސް ޕެކޭޖު ނުލިބޭ ކަމުގެ ޝަކުވާ ވަނީ އާންމުވެފައެވެ.

ޑެލިވަރީގެ ލަސްތަކާއި ގުޅިގެން ދާދި ފަހުން ޕޯސްޓު އޮފީހަށް ވަނީ މުވައްޒަފުން ވެސް ނަގާފައެވެ. ޓީމޫގެ އޯޑަރުތަކުގެ ބޮޑު ބެކްލޮގެއް އޮތް މިފަދަ ދަނޑިވަޅެއްގައި ރެޑްބޮކްސް އިން މި ޕެކޭޖުތައް ޑެލިވަރ ކޮށްދޭން ފެށުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%