ދުވާލަކު 1،000 ޓަނުގެ ފެން އުފެއްދޭނެ އާ އާރުއޯ ޕްލާންޓެއް ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން މާލޭގައި ބަހައްޓައިފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ޕްލާންޓް ބަހައްޓާފައި މާލޭގައި ހުންނަ އެ ކުންފުނީގެ މައި މަރުކަޒުގައި ކަމަށެވެ. އަދި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި އާ ޕްލާންޓާއެކު މާލޭގައި ފެން އުފެއްދުމުގެ ކެޕޭސިޓީ ދުވާލަކު 28،000 ޓަނަށް އިތުރުވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މީގެ ސަބަބުން ރައްޔިތުންނަށް ސަޕްލައި ފެން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތަށް އިތުރު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މާލެ ސަރަހައްދުގެ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިއުއެސްސީން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދަން ޕްލާންޓްތައް ވަނީ ބަހައްޓައިފަ އެވެ.
މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ އަނެއް ހިއްސާދާރު ޖަޕާންގެ ހިޓާޗީއާ އެކު 10،000 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން އިތުރުކުރާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.