ވާނުވާ ބަންދުގައި ތިބި 10 މީހަކު، އިލެކްޓްރޯނިކް ނިޒާމުގެ ތެރެއިން ޓެގް އަޅުވައި ދޫކޮށްލައިފި އެވެ.
އެ 10 މީހުން ދޫކޮށްލިކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގަ އެވެ.
އިހުސާން ވިދާޅުވީ ޓެގު އަޅުވާފައި ދޫކޮށްލަނީ ފުރިހަމައަށް މޮނިޓާ ކުރެވޭ ގޮތަށް ކަމަށެވެ. މިހާތަނަށް 10 މީހުން، ޓެގު އަޅުވައި ދޫކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި މުޖުތަމައަށް އެއްވެސް ނުރައްކަލެއްވާނެ ކަމަށް ބެލެވޭ މީހަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ލުއި ދިނުމުގެ މަސައްކަތް މިދިޔަ މަހު ސަރުކާރުން ވަނީ ފަށައިފަ އެވެ.
ޓެގު އެޅުވުމަށް ފަހު އެ މީހުން ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަށް ރިއާޔަތްކޮށެވެ. އެ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖައާކުރާނެ އެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުން ސަބަބާ އެކު ޕީޖީ އޮފީހަށް ހުށަހެޅުމުން އެކަން ކުރިއަށް ގެންދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެކަމަށް އެދޭ ފޯމު އޮންލައިންކޮށް އަދި ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުން ލިބޭނެ އެވެ.