އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބަައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތުރްކިޔޭގެ އިސްތަންބޫލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ޑރ. ޚަލީލް ވަނީ އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރާއްޖޭގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގައި ޑރ. ޚަލީލް ދެއްވި ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް، އަދި ސުލްހައާއި އިންސާފް ގާއިމްކުރުމަށް އޯ.އައި.ސީ. ހަރުދަނާކޮށް އަދި މެމްބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.
ފަލަސްޠީނަށް ކުރިމަތިވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، އިޒްރޭލުން މެދުކެނޑުމެއްނެތި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އެރުވިއެވެ. މިނިސްޓަރު ވިދާޅުވީ، ފަލަސްޠީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ޑރ. ޚަލީލް އެމަނިކުފާނުގެ ތަޤްރީރުގައި، އިޒްރޭލުން އިރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރައްވައި، އިޒްރޭލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ގޮވާލެއްވިއެވެ. މި ބައްދަލުވުމުގެ ހަވާސާގައި، އިޒްރޭލުން އިރާނަށް ދެމުންގެންދާ ހަމަލާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައިވެސް ދިވެހި ވަފްދުން ވަނީ ބައިވެރިވެފައެވެ.
އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގެ ހަވާސާގައި، ޑރ. ޚަލީލް ވަނީ ޓަޖިކިސްތާންގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ތެރެއިން ގުޅުން ވަރުގަދަކޮށް އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި، ރާއްޖެއިން އޯ.އައި.ސީ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަޙްމަދު ސަރީރު، ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ޑިރެކްޓަރ ފާތިމަތު ރަޒާނާ، އަދި ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލަރ، އައިޝަތު ރައިހާނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.