މަރުމަރާ ކަނޑުގެ ސިލިވްރީ ކައިރިން މިއަދު މުދާ އުފުލާ ބޮޑު ދެބޯޓު މުޑިއަރައި، އޭގެ ތެރެއިން އެއް ބޯޓު ފެތިއްޖެއެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 10 ފަޅުވެރިއަކު ވަނީ ގެއްލިފައި ކަމަށް ހަބަރުތައް ބުނެ އެވެ. ތުރްކިޔޭގެ ކޯސްޓް ގާޑާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސިލިވްރީގެ ދެކުނުން 18 ނޯޓިކަލް މޭލު ބޭރުންނެވެ. މުޑިއަރާފައިވަނީ ކެމިކަލް ޓޭންކަރަކާއި، ދަގަނޑު ބަރުކޮށްގެން ދަތުރުކުރި ކާގޯ ބޯޓެެކެވެ.

މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއްލިބި، ދަގަނޑު ބަރުކޮށްގެންދިޔަ ބޯޓު ވަނީ އެންމެ 11 މިނެޓު ތެރޭގައި ކަނޑުގެ އަޑިއަށް ފެތިފައެވެ. ނަމަވެސް ކެމިކަލް ބަރުކޮށްގެން ދިޔަ ބޯޓަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވެފައިވެއެވެ.

ފެތުނު ބޯޓުގައި ތިބި ތުރުކިޔޭގެ 10 ފަޅުވެރިން ހޯދުމުގެ އޮޕަރޭޝަނެއް އެގައުމުގެ ކޯސްޓް ގާޑާއި ކަނޑުގެ ސިފައިން ގުޅިގެން ހެލިކޮޕްޓަރާއި ބޯޓުފަހަރު ބޭނުންކޮށްގެން މިހާރު ދަނީ ހިންގަމުންނެވެ. ކަނޑުމަތިން ބޯޓުގެ ލައިފްބޯޓު ފެނުނު ނަމަވެސް، މިހާތަނަށް އެއްވެސް ފަޅުވެރިއަކު ފެނިފައެއް ނުވެއެވެ.