ޖިބޫޓީގެ އައްސޭރިފަށުން، ގިނަ އަދަދެއްގެ ހިޖުރަވެރިންނާއި އެކު ދަތުރުކުރި ދޯންޏެއް ބަންޑުންވެ، މަދުވެގެން 139 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ. މި ހާދިސާގައި 84 މީހުން ގެއްލިފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ޖިބޫޓީގެ އުތުރު-އިރުމަތީގައި އޮންނަ ގޮޑޯރިއާއިން ދޯނި ފުރިތާ ގާތްގަނޑަކަށް 30 މިނިޓު ފަހުންނެވެ. އެ ދޯނި ބަންޑުންވީ މާބޮޑަށް ބަރުވުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ހާދިސާ ހިނގިތަނުން 69 މީހުން ސަލާމަތްކުރެވިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ހިޖުރަވެރިން ދަތުރުކުރަމުން ދިޔައީ އިރުމަތީ އެފްރިކާގެ ޤައުމުތަކުން ފުރައިގެން، ޔަމަނަށް ވާސިލްވުމުގެ މަޤުސަދުގައެވެ. މި މަގަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ހިޖުރައިގެ މަގެވެ.