އަޒަރުބައިޖާނުގެ ސަރުކާރުން ސުކޫލުތަކުގައި ބުރުގާ އެޅުން ނުސީދާގޮތެއްގައި މަނާކުރުމާ ގުޅިގެން، ތާރީޚީ ގޮތުން އެންމެ ގާތް އެކުވެރި ދެ ގައުމު ކަމަށްވާ ތުރުކީވިލާތާއި އަޒަރުބައިޖާނާ ދެމެދު ސިޔާސީ ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާންގެ އިސް މުޝީރު އޮކްޓާއި ސަރަލް ވަނީ، މުސްލިމް އަންހެން ކުދިންނަށް ބުރުގާ މަނާކުރުމަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެ، އަޒަރުބައިޖާނުން މި ގަވާއިދު ވަގުތުން ބާތިލްކުރުމަށް ގޮވާލައްވާފައެވެ. މި ފާޑުކިޔުންތަކާއެކު، ތުރުކީގެ އަންކާރާ އާއި އިސްތަންބޫލްގައި ހުންނަ އަޒަރުބައިޖާން ކޮންސިއުލޭޓް ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، ބާކޫ ސަރުކާރާ ދެކޮޅަށް ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
މި މަސްރަހުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ތުރުކީގައި ކުރިއަށްދާ މި މުޒާހަރާތައް ހުއްޓުވުމުގެ ބަދަލުގައި، ރައީސް އުރުދުޣާންގެ ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިންނަށް ފުރިހަމަ ސަލާމަތީ ރައްކާތެރިކަމާއި އެއްބާރުލުން ދެމުންނެވެ. އާންމުކޮށް ބޭރު ގައުމުތަކުގެ އެމްބަސީ/ކޮންސިއުލޭޓްތައް ކައިރީގައި މުޒާހަރާކުރުން ފުލުހުން މަނާކުރި ނަމަވެސް، މި މައްސަލައިގައި އެރްދޮޣާންގެ ސަރުކާރުން ގެންދަނީ އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔޭވްގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަން ފުރިހަމައަށް ފުރުސަތު ދެމުންނެވެ.
ތުރުކީގެ މި ހަރަކާތްތަކާ ގުޅިގެން އަޒަރުބައިޖާނުގެ ވެރިކަންކުރާ 'ނިއު އަޒަރުބައިޖާން ޕާޓީ' އިން ވަނީ އެރްދޮޣާންގެ ސަރުކާރާއި ދެކޮޅަށް ވަރަށް ހަރުކަށި ބަޔާނެއް ނެރެ ރައްދުދީފައެވެ. އެމީހުން ބުނާގޮތުގައި ތުރުކީގެ ސަރުކާރުން ދަނީ އަޒަރުބައިޖާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ "އާޓިފިޝަލް ނުތަނަވަސްކަމެއް" އުފައްދަމުންނެވެ. އަދި "އެއް އުންމަތެއް، ދެ ދައުލަތެއް" ގެ ގޮތުގައި ދެ ގައުމުގެ ގުޅުން އޮތް ނަމަވެސް، އެއް ގައުމަކުން އަނެއް ގައުމެއްގެ ތައުލީމީ ސިޔާސަތުތަކަށް ފާޑުނުކިއޭނެ ކަމަށް ބުނެ ބާކޫ ސަރުކާރުން ވަނީ ތުރުކީއަށް އިންޒާރުދީފައެވެ. މިއީ ފަހުގެ ތާރީޚެއްގައި މި ދެ ގައުމުގެ ގުޅުން މިހާ ބޮޑަށް ހީނަރުވެގެންދިޔަ ފުރަތަމަ ފަހަރެވެ.



