ރޫމޭނިއާގެ ސަރަޙައްދީ ކަނޑުގެ ސަރަޙައްދަށް ރަޝިޔާއިން ދިން ޑްރޯން ހަމަލާއެއްގައި އާގުބޯޓެއް އަޑިއަށް ގޮސްފައިވާ ކަމަށް ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ކަޅުކަނޑުގައި، ރޫމޭނިއާގެ ސަރަހައްދީ ރޮނގާ ކައިރިން ރަޝިޔާއިން ދިން ދެ ޑްރޯން ހަމަލާގައި އަޑިޔަށް ދިޔައީ، ޔުކްރެއިނުން އިޓަލީއަށް ޒުވާރި ހިފައިގެން ދަތުރުކުރި "ރޮޔާޑް މަމަޑޯވް" ނަމަކަށް ކިޔާ އާގުބޯޓެކެވެ. މި ބޯޓު ވަނީ މުޅިން އަޑިއަށް ގޮސްފައެވެ. ތުރުކީގެ ކުންފުންޏަކަށް ނިސްބަތްވާ މި ބޯޓަށް ދިން ހަމަލާގައި ބޯޓުގެ ކެޕްޓަނާއެކު 2 ފަޅުވެރިއަކު މަރުވެފައިވާއިރު، ރޫމޭނިއާގެ ކޯސްޓްގާޑުން ހިންގި ކުއްލި އޮޕަރޭޝަނެއްގައި އިންޑިއާއާއި އަޒަރުބައިޖާނަށް ނިސްބަތްވާ 11 ފަޅުވެރިއަކު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައެވެ.
ޔުކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިއީ ބައިނަލްއަޤުވާމީ ކަނޑުގެ ސަލާމަތަށް ރަޝިޔާއިން ދިން ނުރައްކާތެރި ހަމަލާއެއް ކަމަށް ވިދާޅުވެ، އެ ޤައުމުގެ އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
ނޭޓޯގެ މެންބަރު ޤައުމެއްގެ ސަރަޙައްދީ އިމުގެ ތެރޭގައި މިފަދަ ހަމަލާއެއް ހިނގުމާ ގުޅިގެން، މުޅި ސަރަޙައްދުގެ މަސްރަޙު އިތުރަށް ހޫނުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި ހާދިސާއާ ގުޅިގެން ރޫމޭނިއާ އަދި ނޭޓޯގެ ފަރާތުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ކަޅުކަނޑުގެ ސަރަޙައްދުގެ ވިޔަފާރި ބަނދަރުތަކަށާއި މުދާ އުފުލާ އުޅަނދުފަހަރަށް އަމާޒުކޮށް ރަޝިޔާއިން ދެމުންގެންދާ ހަމަލާތައް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ.




