ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. މި ދެ ދައުވާ އަކީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ތުހުމަތުގެ ދައުވާތަކެެވެ.
މިއަދު މެންދުރު 1:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި އަޑުއެހުންތަކަކީ މިހާރު ވެސް ޝަރީއަތް ފެށިފައިވާ މައްސަލަތަކެކެވެ. ބައްސާމްގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ، 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. ޕީޖީ އޮފީހުން ބުނާގޮތުން، މި ފައިސާގެ ތެރެއިން 1,910 ޑޮލަރު ވަނީ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ބައްސާމް އަދި އޭނާގެ އަނބިކަނބަލުން އާމިނަތު މައުރީނާ ހިއްސާވާ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށްފައެވެ.
މި ޝަރީއަތްތަކުގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެންމެ ފަހުން އޮތް ޝަރީއަތްތަކުގައި ހާމަވެފައިވާ ގޮތުން، ބައްސާމް، މަހަކު 5,000 ޑޮލަރުގެ އެލަވަންސެއް ނަގަމުން ދިޔަކަން ވަނީ އެނގިފައެވެ. މިކަން ހާމަވީ، އެފްއޭއެމްގެ ކުރީގެ ފައިނޭންސް ހެޑް، މުހައްމަދު އަގީލް، ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ. އެފްއޭއެމްގެ ހިޔާނާތާއި ގުޅިގެން އަގީލްއާއި ދެކޮޅަށްވެސް ދައުވާ ކުރެއެވެ.
އަގީލްގެ ހެކިބަހުން އެނގުނު ގޮތުގައި ކުރިން ބައްސާމް ނެންގެވީ މަހަކު 3,000 ޑޮލަރުގެ އެލަވަންސެކެވެ. ބައްސާމްގެ ދިފާއީ ޓީމުން ވަނީ މި ފައިސާއަކީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ފާސްކޮށްގެން ނެގި އެލަވަންސެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. ބައްސާމްގެ މައްޗަށް މިހާރު ހިނގަމުންދާ 10,000 ޑޮލަރުގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައިގަނޑު ދިފާއަކީވެސް އެ ފައިސާއަކީ އޭނާއަށް ލިބޭ މުސާރަ ކަމެވެ.
2023 ވަނަ އަހަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބައްސާމް ވަނީ އޭނާއަށް ބައިލައްކައެއްހާ ރުފިޔާގެ އެލަވަންސެއް ލިބޭކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެ އެލަވަންސް ލިބުން ހުއްޓިފައިވާތާ ތިން އަހަރު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ބައްސާމްގެ ޝަރީއަތުގައި އަގީލްގެ އިތުރުން، އެފްއޭއެމްގެ ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރި ދެ މުވައްޒަފަކު ކަމަށްވާ އަންހެން މުވައްޒަފަކާއި ފިރިހެން މުވައްޒަފެއް ވެސް ވަނީ ހެކިބަސް ދީފައެވެ.
މިކުށުގެ އަސާސީ އަދަބަކީ 10,000 ޑޮލަރާއި 1 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މިދަނޑިވަޅަކީ ބައްސާމްގެ ފީފާ ސަސްޕެންޝަން މުއްދަތު ހަމަވެފައިވާ ދަނޑިވަޅެކެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ބައްސާމް އަންނަނީ ތައްޔާރުވަމުންނެވެ.