ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އިން ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް 1 މިލިއަން ސްވިސް ފްރޭންކުން (ގާތްގަނޑަކަށް 1.18 މިލިއަން ޑޮލަރު) ޖޫރިމަނާކޮށްފިއެވެ.
ފީފާގެ މިނިވަން އެތިކްސް ކޮމިޓީގެ އެޑްޖުޑިކޭޓަރީ ޗެމްބަރުން މި ނިންމުން ނިންމާފައިވަނީ މިއަދުއެވެ.
މި ފިޔަވަޅުގެ ދަށުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ފުޓްބޯޅައިގެ އެއްވެސް އިދާރީ، ކުޅިވަރު ނުވަތަ އެހެންވެސް ހަރަކާތެއްގައި ބައްސާމަށް ދެން ބައިވެރިއެއް ނުވެވޭނެއެވެ.
ފީފާއިން ހާމަކުރި ގޮތުގައި ބައްސާމް އުމުރަށް ސަސްޕެންޑް ކުރަން ނިންމީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފުޓްބޯޅަ ކްލަބްތަކަށް އެހީވުމަށް ފީފާއިން ދޫކުރި ފައިސާ އަމިއްލަ މަންފާއަށް ބޭނުންކޮށްފައިވާތީއެވެ.
މި ފައިސާ ބޭނުންކޮށްގެން ބައްސާމް އަމިއްލަ އެޕާޓްމަންޓްތަކެއް ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، ރާއްޖޭގެ ކޯޓުތަކުން ވެސް މިހާރު ދަނީ އޭނާގެ މައްޗަށް މަނީ ލޯންޑަރިންގ އާއި ހިޔާނާތުގެ ދައުވާތައް ހިންގަމުންނެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދިން ކަމުގެ ކުށުގައި 10 އަހަރަށް ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފައެވެ.
ބައްސާމްގެ މައްޗަށް ފީފާއިން މީގެ ކުރިން ވެސް 9 މަސްދުވަހުގެ ޕްރޮވިޝަނަލް ސަސްޕެންޝަނެއް އައީ އިއްވާފައެވެ. ނަމަވެސް، ފީފާގެ އެތިކްސް ކޮމިޓީން މައްސަލަ ފުރިހަމައަށް ބަލައި ނިންމުމަށްފަހު މިއަދު އިއްވި މި ހުކުމަކީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ރާއްޖޭގެ ކުޅިވަރުގެ އިސްވެރިއަކަށް މިފަދަ ބައިނަލްއަގުވާމީ ބޮޑު އަދަބެއް ދިން ފުރަތަމަ ފަހަރެވެ. \









