ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި ބެލޮންޑިއޯ އެވޯޑުގެ 2026 ވަނަ އަހަރުގެ ޝޯޓްލިސްޓުން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖާގަ ހޯދައިފިއެވެ. މިއީ އޭނާގެ ކާމިޔާބު ކެރިއަރުގައި މި އެވޯޑުގެ ގަދަ 30 ކުޅުންތެރިންގެ ލިސްޓުގައި ހިމެނުނު 17 ވަނަ ފަހަރެވެ.
އިންޓަ މިއާމީގެ ކެޕްޓަން މި ލިސްޓުގައި ހިމެނިފައިވަނީ ވޭތުވެދިޔަ އަހަރު ކްލަބަށާއި ގައުމީ ޓީމަށް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އިންޓަ މިއާމީން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ބެލޮންޑިއޯއަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރެއިން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އަށް ކުޅޭ ހަމައެކަނި ކުޅުންތެރިއަކީ ވެސް މެސީއެވެ. މި އެވޯޑު ލިބޭ ފަރާތެއް އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
އުމުރުން 39 އަހަރުގެ މެސީ ވަނީ ރެކޯޑު އަދަދެއް ކަމަށްވާ 8 ފަހަރު މި އެވޯޑު ކާމިޔާބުކޮށްފައެވެ. އެއީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 ވަނަ އަހަރުއެވެ.
ނިމިދިޔަ ސީޒަނުގައި މެސީ ވަނީ އިންޓަ މިއާމީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2025 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 29 ލަނޑާއެކު ގޯލްޑަން ބޫޓު ހޯދައި، ޖުމްލަ 48 ލަނޑު ޖެހުމުގައި ބައިވެރިވެފައެވެ. މީގެއިތުރުން، ވިދިވިދިގެން ދެ ސީޒަނުގައި އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) ގެ އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާ ވަނީ ހޯދާފައެވެ.
ގައުމީ ފެންވަރުގައި ބަލާއިރު، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު، އެ ޓީމު ކުޅުނު ހުރިހާ މެޗެއްގައި މެސީ ވަނީ ކުޅެފައެވެ. އެ މުބާރާތުގައި އޭނާ 8 ލަނޑު ޖަހައި، 4 ލަނޑު ޖެހުމަށް އެހީތެރިވެދިނެވެ. މީގެއިތުރުން ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު (23 މެޗު)، އެންމެ ގިނަ އެސިސްޓް (12 އެސިސްޓް) އަދި އެންމެ ގިނަ ފައިނަލް މެޗުތަކުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމުގެ ރެކޯޑު (3 ފައިނަލް) ވެސް މެސީ ވަނީ ހަދާފައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާއާ ދެކޮޅަށް ޖެހި ދެ ލަނޑާއެކު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް ޖުމްލަ 21 ލަނޑާއެކު ޖެހިލާފައެވެ. ހަމައެއާއެކު، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގެ ވިދިވިދިގެން 6 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފާއި، ވިދިވިދިގެން 9 ވޯލްޑް ކަޕް މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑުވެސް އޭނާ ވަނީ ގާއިމުކޮށްފައެވެ.









