އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، އެ ގައުމުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅުނު އެންމެ ފަހު މެޗުގައި ބެނިން އާ ދެކޮޅަށް ނުކުމެ، މޮޅު ކުޅުމަކާއެކު ޓީމު މޮޅުކޮށްދީ ޖަޒުބާތީ އަލްވަދާއެއް ކިޔައިފިއެވެ. ބުއެނޮސް އައިރެސްގެ އެސްޓާޑިއޯ މޮނިއުމެންޓަލްގައި ކުޅުނު މި މެޗުގައި އާޖެންޓީނާ މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.
އުމުރުން 39 އަހަރުގެ މެސީ ވަނީ ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗުގެ ދެވަނަ ހާފުގައި ޕެނަލްޓީއަކުން ލަނޑުޖަހައި، އިތުރު ދެ ލަނޑު ޖަހަން އެހީތެރިވެދީފައެވެ. އެއަށްފަހު މޮނިއުމެންޓަލް ސްޓޭޑިއަމަށް ޖަމާވި 85,000 އަށްވުރެ ގިނަ ސަޕޯޓަރުންނާ އޭނާ މުހާތަބުކޮށް ވާހަކަދެއްކިއެވެ.
މި ހާއްސަ ރޭގެ ހަރަކާތްތަކުގެ ތެރޭގައި ހަވާ އެރުވުމާއި، މިއުޒިކާއި، ލޭޒަރ ޝޯއެއްގެ އިތުރުން 8 ފަހަރު ބެލަންޑޯ ހޯދާފައިވާ މި ކުޅުންތެރިއާއަށް ހާއްސަ އިހުތިރާމުތައް އަރުވާފައިވެއެވެ. މެޗު ފެށުމުގެ ކުރިން މެސީގެ މަޝްހޫރު ނަންބަރު 10 ޖާޒީއާއި "ގްރާސިއަސް" ލިޔެފައިވާ ބޮޑު ޖާޒީއެއް ދަނޑުމެދުގައި ދައްކާލާފައިވާއިރު، ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ މެސީއަށް ތަކުރާރުކޮށް ތައުރީފުކޮށްފައެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު ފަހު މެޗަށްފަހު، ވޯލްޑް ކަޕް ތަށި ހިަޕައިގެން ހުރި ލިއޮނެލް މެސީ ސިފަވާ ގޮތަށް ދައްކާލާފައިވާ ޑްރޯން ޝޯ | ފޮޓޯ: އީއެސްޕީއެން
އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ، މެސީގެ ލެގަސީއާ މެދު ވިސްނާލަމުން ޖަޒުބާތީވެ، އޭނާ ދިއުމުން ޓީމުގެ ތެރޭގައި ފުން ހިތާމައެއް ވެރިވާނެ ކަމަށާއި ވަށައިގެން ތިބި މީހުންނަށް އޭނާ ގެނެސްދިން ތަފާތު އަސަރު ފާހަގަކުރިއެވެ.
މެސީގެ ކުރީގެ ބާސެލޯނާއާއި ޕީއެސްޖީގެ އެކުވެރިޔާ ނޭމަރ ވެސް ތައުރީފުކުރަމުން ބުނީ، އާޖެންޓީނާގެ މި ކުޅުންތެރިޔާ ކުޅިވަރަށް ކޮށްދިން ހިދުމަތްތަކަށް މުޅި ފުޓްބޯޅަ އާއިލާ ޝުކުރުވެރިވާ ކަމަށެވެ.
ގާތް އެކުވެރިޔާ އަދި ކުރީގެ އާޖެންޓީނާގެ ކުޅުންތެރިޔާ ރޮޑްރީގޯ ޑެ ޕޯލް ބުނީ، މޮޅު ކުޅުންތެރިއަކަށް އަދި ރަނގަޅު އިންސާނަކަށް ވުމަށް މެސީ ވަރަށް ބޮޑަށް އެހީތެރިވެދިން ކަމަށެވެ.
2005 ވަނަ އަހަރު އާޖެންޓީނާއަށް ކުޅެން ފެށި މެސީ ވެގެންދިޔައީ އެ ގައުމަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން 2021 އަދި 2024 ގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް، އެންމެ ފަހުން 2022 ވަނަ އަހަރު ވަނީ ވޯލްޑް ކަޕް އުފުލާލާފައެވެ.
ބައިނަލްއަގްވާމީ ކެރިއަރު ނިންމާލި ނަމަވެސް، މެސީގެ ކްލަބް ފުޓްބޯޅަ ކެރިއަރު އިންޓަ މިއާމީއާއެކު 2028 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.




