2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމަށްފަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އާޖެންޓީނާގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ސްޕެއިންގެ ކުޅުންތެރިއަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ހަރުކަށި ސަސްޕެންޝަންތަކަކާއި ޖޫރިމަނާތަކެއް ކަނޑައަޅައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު އިތުރު ވަގުތުގައި ފެރާން ޓޮރެސް ޖެހި ލަނޑުން 1-0 އިން ކާމިޔާބުކޮށް ވޯލްޑް ކަޕްގެ ދެވަނަ ތަށި އުފުލައިލީ ސްޕެއިނުންނެވެ. ނަމަވެސް، މެޗު ނިމުމުގެ ކަށިގަނޑާއެކު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަން ދަނޑުމައްޗަށް އެރި ވަގުތު ދެ ޓީމުގެ ދެމެދުގައި ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައެވެ.
ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި އާޖެންޓީނާގެ ޑިފެންޑަރު މޮލީނާ ވަނީ ސްޕެއިންގެ ކެޕްޓަން ރޮޑްރީގެ ބަނޑުގައި ޖަހާފައެވެ. އަދި މިޑްފީލްޑަރު ޕަރެޑެސް، ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފައި، ގަވީ ކޮއްޕާ ބިމަށް ވައްޓާލިއެވެ. މީގެއިތުރުން، އާޖެންޓީނާގެ ތިއާގޯ އަލްމާޑާ އާއި އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ އަދި ސްޕެއިންގެ ޑެނީ އޮލްމޯ އާއި ގަވީ ވެސް މި ހަމަނުޖެހުމުގެ ތެރޭގައި ހަރަކާތްތެރިވިއެވެ. ހަމަނުޖެހުން ހުއްޓުވީ އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ އާއި އެހެން އޮފިޝަލުން ވަދެގެންނެވެ.
މި މައްސަލަ ބެލުމަށްފަހު ހުކުރު ދުވަހު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ތިރީގައިވާ އަދަބުތައް ކަނޑައަޅާފައެވެ:
- ލިއަންދްރޯ ޕަރެޑެސް (އާޖެންޓީނާ): 10 މެޗުގެ ސަސްޕެންޝަނަކާއި 90،000 ޑޮލަރުގެ ޖޫރިމަނާއެއް (މާރާމާރީ ހިންގުމުގެ ކުށުގައި). މިއީ ވޯލްޑް ކަޕެއްގެ ތާރީހުގައި ވެސް ދިން އެންމެ ބޮޑު އެއް ސަސްޕެންޝަނެވެ. މި އަދަބާއެކު އޭނާއަށް ގާތްގަނޑަކަށް އެއް އަހަރު ދުވަހު ގައުމީ ޓީމަށް ނުކުޅެވޭނެއެވެ.
- ނަހުއެލް މޮލީނާ (އާޖެންޓީނާ): 7 މެޗުގެ ސަސްޕެންޝަނަކާއި 90،000 ޑޮލަރުގެ ޖޫރިމަނާއެއް.
- ރޮބާޓޯ އަޔާލާ (އާޖެންޓީނާގެ އޮފިޝަލް): 3 މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް.
- ތިއާގޯ އަލްމާޑާ (އާޖެންޓީނާ): 1 މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް.
- ޕަބްލޯ ގަވީ (ސްޕެއިން): 1 މެޗުގެ ސަސްޕެންޝަނަކާއި 30،000 ޑޮލަރުގެ ޖޫރިމަނާއެއް.
މި ސަސްޕެންޝަންތައް ހިނގާނީ ހަމައެކަނި ގައުމީ ޓީމުގެ މެޗުތަކަށެވެ. ކްލަބު ފުޓްބޯޅައަށް މީގެ އެއްވެސް އަސަރެއް ނުކުރާނެއެވެ.
މީގެއިތުރުން މުބާރާތުގެ ތެރޭގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ފީފާއިން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) 321،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ ތެރޭގައި ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު "ލަސް މަލްވީނަސް ސޮން އާޖެންޓީނާސް" (ފޯކްލެންޑް އައިލެންޑްސްއާ ގުޅޭ ސިޔާސީ ބެނާއެއް) ދެއްކުމާއި، ސަޕޯޓަރުންގެ ފަރާތުން ފެނުނު ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހިމެނެއެވެ. އަދި އާޖެންޓީނާ ދެން އަމިއްލަ ދަނޑުގައި ކުޅޭ ދެ މެޗުގައި ސަޕޯޓަރުން ވައްދަން ހުއްދަ ދީފައިވަނީ 50 އިންސައްތައަށެވެ.
ފީފާއިން ނިންމި މި ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު ކުޅުންތެރިންނަށާއި އެސޯސިއޭޝަންތަކަށް ވަނީ ދީފައެވެ. 2022 ވަނަ އަހަރުގެ ޗެމްޕިއަން އާޖެންޓީނާ އަތުން ސްޕެއިން ހޯދި މި ތާރީހީ ކާމިޔާބީގެ އުފާވެރިކަމަށް، މެޗަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ވަނީ ބޮޑު ހިޔަންޏެއް އެޅިގެން ގޮސްފައެވެ.









