ސްޕެއިނުގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓްތަކަކާ ގުޅިގެން އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ، މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ ޤާނޫނުހަދާ މަޖިލީހުގެ ކޮމިޓީއެއްގައި މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވުމަށްފަހު، ރޭގައެވެ. މިނިސްޓަރު ވިދާޅުވީ އެސްޕޭނު ފަދަ ޤައުމެއްގައި އެއް އަހަރު ތެރޭގައި މިފަދަ ނުރައްކާތެރި ދެ ހާދިސާ ހިނގުމުން، ސިޔާސީ އަބުރާއި ޒިންމާދާރުކަމުގެ ގޮތުން މަޤާމުގައި ދެމީހުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އޭނާގެ މި އިސްތިއުފާގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ މަހު 28 ވީ ބުދަ ދުވަހު މެޑްރިޑްގެ ދެކުނުން އޮންނަ އުރުދާ ސަރަޙައްދުގައި ހިނގި ރޭލު އެކްސިޑެންޓެވެ. އެ ހާދިސާގައި ބާރު ދުވެލީގައި ދަތުރުކުރި ރޭލެއް، ހުއްޓިފައި އޮތް އެހެން ރޭލެއްގެ ފަހަތުން ޖެހި، 69 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. މީގެ އިތުރުން، މިއަހަރުގެ ޖެނުއަރީ މަހުވެސް ސްޕެއިނުގެ ދެކުނުގައި ހިނގި މިފަދަ އެހެން އެކްސިޑެންޓެއްގައި 46 މީހުން މަރުވެފައިވެއެވެ
މިމަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބާ ދިމާކޮށް މިކަން ވެގެން ގޮސްފައިވަނީ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސަރުކާރަށް ކުރިމަތިވި ވަރަށް ބޮޑު ސިޔާސީ ލޮޅުމަކަށެވެ. މަޤާމުން އިސްތިއުފާ ދެއްވުމުގެ އިތުރުން، އޮސްކާ ޕުއެންޓޭ ވަނީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަންވެސް އިޢުލާނު ކުރައްވާފައެވެ.


