ފީފާ ވޯލްޑް ކަޕް މުބާރާތުގެ ދަތުރުފަތުރުގެ ކަންކަމުގައި ކުރިމަތިވެފައިވާ ހުރަސްތަކާ ގުޅިގެން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް އީރާނުން ނިންމައިފިއެވެ.
މި މައްސަލަ އުފެދިފައިވަނީ، އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅެންޖެހޭ މެޗުގެ ދެ ދުވަސް ކުރިން އެމެރިކާއަށް ދަތުރުކުރުމަށް އެދި ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އިންކާރުކުރުމާ ގުޅިގެންނެވެ. އީރާނުން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ޓީމުގެ ތައްޔާރީތަކަށާއި ކުޅުންތެރިންގެ ކުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވާ ހުރިހާ ގައުމުތަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭނެއެވެ. އަދި ސިޔާސީ ސަބަބުތަކަށްޓަކައި ކުޅިވަރުގެ ރޫހާ ހިލާފަށް ދަތުރުފަތުރުގެ ކަންކަމުގައި ހުރަސްތައް ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ފެޑަރޭޝަނުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ފީފާގެ ފަރާތުން އަވަސް ހައްލެއް ހޯދައިދިނުމަށް އެދި، އީރާނުން ދަނީ އެ ގައުމުގެ ޝަކުވާތައް ލިޔުމުން ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިންތިޒާމުތަކާ ގުޅޭގޮތުން މިހާތަނަށް ފީފާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.









