ދައުލަތުގެ އާމްދަނީ ހަޕަސެންޓް އިތުރުވެ، 17 ބިލިއަން ރުފިޔާއަށް އަރައިފި

އަހްމަދު އީޒާން | 122 ދުވަސް ކުރިން - 21 ޖޫން 2025 15:53
ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން / ފޮޓޯ: ޚުލާސާ
ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން / ފޮޓޯ: ޚުލާސާ
ޚުލާސާ

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މި އަހަރުގެ މިހާތަނަށް 17 ބިލިއަން ރުފިޔާ ލިބިފައިވޭ.

ދައުލަތަށް ލިބުނު އާމްދަނީ ހަޕަސެންޓް އިތުރުވެ، 17 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މި އަހަރުގެ މިހާތަނަށް 17 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 6.0 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއެކު، ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވެ އެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރު 88.5 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 ޕަސެންޓް އިތުރުވެފައިވެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 44.5 ޕަސެންޓް އިތުރުވެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މީގެ މައިގަނޑު ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، ގާތްގަނޑަކަށް 9 ޕަސެންޓް އިތުރުވެ، އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައި ވާތީ ކަމަށެވެ.

އެ އިތުރުވުމާއެކު، މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6 ޕަސެންޓް އިތުރުވެފަ އެވެ. އާމްދަނީގެ އިތުރުވުމާއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވެސް ވަނީ 42.9 ޕަސެންޓަށް އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރެވިގެން ދިއުމާއެކު އެކަމުން ފެންނަން ޖެހޭ އެދެވޭ އަސަރު މިހާރު ފެންނަ ކަމަށެވެ. އަދި އެ ޓެކުހުގެ ރޭޓުތަކަށް ގެނެވުނު ބަދަލާއެކު ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރެއްކޮށްފައިނުވާކަން ވެސް ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%