ދައުލަތުން ކުރާ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފި

އަހްމަދު އީޒާން | 55 ދުވަސް ކުރިން - 21 ޖޫން 2025 15:55
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ދައުލަތުގެ ބަޖެޓުން 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓް ދަށް އަދަދެއް.

ދައުލަތުން ކުރާ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތައް ދައްކާ ގޮތުގައި، ދައުލަތުގެ ބަޖެޓުން މިހާތަނަށް ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅާބަލާއިރު 8.7 ޕަސެންޓް ދަށް އަދަދެކެވެ.

ދައުލަތުގެ ރިކަރަންޓް ހަރަދު 5.3 ޕަސެންޓަށް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 72.1 ޕަސެންޓުން ދަށްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު، ދަށް މިންވަރެއްގައި ދަމަހައްޓައިފަ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ބަލާއިރު، މި އަހަރަށް އިދާރީ އަދި ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ފާސްކުރެވުނު 20.8 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކޮށްފައި ވަނީ 8.2 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 1.1 ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 9.3 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިބައިގެ ހަރަދުތަކުގެ ތެރޭގައި ހިމެނޭ އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ ހަރަދު 71.5 ޕަސެންޓުން ދަށްވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރާ ހޭދަ، މިދިޔަ އަހަރާ އަޅާބަލާއިރު، 17.2 ޕަސެންޓުން ދަށްވެފައިވާ ކަމަށެވެ.

މި ކުރިއެރުން ހާސިލުކުރެވިފައި ވަނީ ދައުލަތުން ތަންފީޒު ކުރަމުން އަންނަ ހަރަދު ހިފެހެއްޓުމުގެ ސިޔާސަތުތަކާއި ބަޖެޓް މެނޭޖްމަންޓް އުސޫލުތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%