ދަރަނިތައް ދެއްކުމަށް 5.1 ބިލިއަން ހޭދަކުރުމަށް ފަހުގައި ވެސް ދައުލަތުގެ ބަޖެޓު އަރަނިވެއްޖެ

އަހްމަދު އީޒާން | 7 ގަޑިއިރު ކުރިން - 21 ޖޫން 2025 16:01
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވާ ކަމަށް.

ފާއިތުވި އަހަރުތަކުގައި ނަގާފައިވާ ދަރަނިތައް އަދާކުރުމަށް 5.1 ބިލިއަން ހޭދަކުރުމާއެކު، ބަޖެޓުގެ ބެލެންސް 1.3 ބިލިއަން ރުފިޔާ އަރަނިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ ހަރަދާއި އާމްދަނީގެ ހިސާބުތަކުޔެ ރިޕޯޓުގައިވާ ގޮތުގައި، ދައުލަތުން ނަގާފައިވާ ދަރަންޏަށް ފައިސާ ދައްކާފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު މިފަހަރު ވަނީ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.

މި އަހަރުގެ މިހާތަނަށް 5.1 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހޭދަކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް، ދައުލަތުން ތަންފީޒުކުރަމުން އަންނަ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ އެކު، ބަޖެޓުން ކޮށްފައިވާ ހަރަދުތައް ކުޑަ ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާއި އަޅާބަލާއިރު، 8.7 ޕަސެންޓް ދަށް އަދަދެކެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 17 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ހަ ޕަސެންޓް އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ ހަރަދުކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އައި އެދެވޭ ނަތީޖާގެ ސަބަބުން ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ކުރަން ޖެހުނު ހޭދަ ބޮޑުވި ކަމަށް ވިޔަސް، ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސަޕްލަސްއަކަށް އަރައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%