ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ފެންވަރާމެދު ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މަތީ އަރުތަވެރިންގެ ގިންތީގައި ހިމެނޭ ދަރިވަރުންގެ އަދަދު ނިސްބަތުން ވަރަށް މަދުކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. އިސްމާޢީލް ޝަފީޢު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، 2013 ވަނަ އަހަރުގެ ނަތީޖާއާއި 2014 ވަނަ އަހަރުގެ ނަތީޖާއަށް ބަލާއިރު، މުޅި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 50 އިންސައްތަ ދަރިވަރުންވެސް 5 މާއްދާއިން ފާސްނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑަކީ އެންމެ ދަށްވެގެން 5 މާއްދާއިން ސީ ފާސް ހޯދުން ކަމަށާއި، އެ ހިސާބަށްވެސް ވާސިލްނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަށް ބަލާލުމުންވެސް ފެންނަނީ ހަމަ އެ މަންޒަރެވެ. ދައުލަތުން ތަޢުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުންވެސް، ދާން ބޭނުންވާ މަންޒިލަށް އަދިވެސް ނުދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ފާހަގަކުރެއްވި ގޮތުގައި، އޯލެވެލް ޓޮޕް ޓެންގައި ހިމެނޭ ދަރިވަރުންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގައި ހިމެނެނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ. އެގޮތުން، 2021-2022 ވަނަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން، އޯލެވެލް ނިންމި ބެޗުގައި 840އަށްވުރެ ގިނަ ދަރިވަރުން ހިމެނުނު ނަމަވެސް، އޭލެވެލް ޓޮޕްޓެންއަށް ދަނީ އެ ބެޗުގެ 64 އިންސައްތަ ދަރިވަރުންނެވެ. އޯލެވެލް ޓޮޕްޓެންގެ ތެރެއިން އޭލެވެލް ޓޮޕްޓެންގެ ތެރެއަށް ވަދެގެން ދަނީ އެންމެ 36 އިންސައްތަ ދަރިވަރުންކަން ވަޒީރު ވަނީ ތަފާސްހިސާބުން ފާހަގަކުރައްވާފައެވެ.
އެކަށީގެންވާ ނަތީޖާއެއް ހާސިލްނުވާކަން ފާހަގަވުމާއެކު، ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުތަކަށް ޚާއްސަކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޫލްގެ ހިންގުން ހަރުދަނާކުރުމަށް ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިންވެސް ދީފައިވާކަމަށާއި، ކަރިކިއުލަމް އަދި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.