ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ އާބާދީ ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ހިންގާ ގައުމީ ކެމްޕެއިނެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައި މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ. މި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ހޯމް މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވިއެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މި މަސައްކަތުގައި ނުހަނު މުހިންމު ކަމަށެވެ.
މިއަދު ފާހަގަކުރަމުންދާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގެ އަޒުމް ސަރުކާރުން އައުކުރާ ކަމަށެވެ. އަދި އީ-ސިނގިރޭޓު މަނާކުރުމާއި، ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" އެއް ތަންފީޒުކުރަން ފެށި ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު، ސަރުކާރުން މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދުންފަތުގެ ސިނާއަތުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ރަހަތައް ހިމެނޭ ނިކޮޓިން ޕައުޗުތައް ތައާރަފުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރިއަށްގެންދާ މާކެޓިން އުކުޅުތަކާމެދު މުޅި މުޖުތަމައު ސަމާލުވާންޖެހޭ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން، ދުންފަތުގެ އަގާއި ޓެކްސްގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކެމްޕެއިނުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު، ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތަކަށް އާންމުން ހޭލުންތެރިކުރުވުމާއި، ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިގޮތުން، ތައުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާ މެދުވެރިކޮށް ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދޭނެކަމަށް ކަމާބެހޭ މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފާހަގަކުރެއްވި ގޮތުގައި، މި ކެމްޕެއިން ކާމިޔާބުކުރުމުގައި މުދައްރިސުންނާއި ބެލެނެވެރިންގެ ދައުރު ވަރަށް ބޮޑެވެ. އަދި މަދުރަސީ ނިޒާމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދުންފަތުގެ ނުރައްކަލާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ބާރަށް ކުރިއަށްގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ސްޕޯޓްސް މިނިސްޓަރު ރާފިއު ވިދާޅުވީ ދުންފަތާ ދެކޮޅަށް ކްލަބު ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ މި ކެމްޕެއިނުގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.








