ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޕަސެންޖަރ ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް ޖުލައި 26 ވަނަ ދުވަހު ހަމަޖެހިފައިވާއިރު، މި ބިޔަ މަޝްރޫޢުގެ ކައުންޓްޑައުން ރަސްމީކޮށް ފަށައިފިއެވެ. ކައުންޓްޑައުން ފައްޓަވައިދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
މި ކައުންޓްޑައުން ފަށާފައިވަނީ ޓަރމިނަލް ހުޅުވުމަށް 35 ދުވަހަށް ވެފައި ވަނިކޮށެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އެއަރޕޯޓްގެ ވީއައިޕީ ލައުންޖް ކުރިމަތީގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް އެކުންފުނީގެ މުވައްޒަފުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އައު ޓަރމިނަލް ހުޅުވުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށާއި، މިކަމުގައި ނަމޫނާ ދެއްކެވުމަށް ވަނީ ހުރިހާ މުވައްޒަފުންނަށް ގޮވާލައްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޕަސެންޖަރ ޓަރމިނަލް ރަސްމީކޮށް ހުޅުވުމުގެ ކައުންޓްޑައުން ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ވެރިން/ ފޮޓޯ: އެމްއޭސީއެލް
ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ. "އަޅުގަނޑު ހަމަ އެއްވެސް ޝައްކެއް ނުކުރަން އެމްއޭސީއެލްގެ މުވައްޒަފުންގެ ހިތްވަރާއި ކެރުމާއި އަދި ކަމަކަށް ކުރިމަތިލައިފިއްޔާ އެކަމެއް ނިންމުމުގައި އޮންނަ ޔަޤީންކަމާއި މެދަކު. އަޅުގަނޑު މިތަނުގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެމްއޭސީއެލްގެ މުވައްޒަފުން އެކަން އަޅުގަނޑަށް ދައްކާދީފި."
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. މިހާރު ވަމުންދަނީ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.









