ހައްދުފަހަނަޅާފައިވާ އިސްރައިލޭ ކިޔާ ޒައެނިސްޓް ޖަމާއަތުން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭ މަދުވެގެން 140 މީހުން މަރާލާފައި ނުވަތަ ޝަހީދު ކޮށްފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ކޮންމެ ހުކުރު ދުވަހަކާއި ދިމާކޮށް ޣައްޒާގައި ދޭ ޙަމަލާތައް ޒައެނިސްޓުން ވަރުގަދަ ކުރާކަން ފާހަގަ ކުރެވެއެވެ.
އިއްޔެއާއި މިއަދު މަރުވި މީހުންނަކީ މަޣާޒީ ރެފިއުޖީ ކޭމްޕާއި، ޒައިތޫން އަވަށާއި، ޣައްޒާ ސިޓީއާއި، ޚާން ޔޫނިސް ހިމެނޭހެން ޣައްޒާގެ އެކި ހިސާބުތަކުގެ މީހުންނެވެ. މީގެ އިތުރުން، ސަލާހުއްދީން މަގުގައި އެހީގެ ތަކެތި ބަހަމުން ދަނިކޮށް އިތުރު 14 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ބުރާސްފަތި ދުވަހުވެސް އެކަނިވެސް މަދުވެގެން 92 މީހުން މަރުވިއިރު، އޭގެ ތެރޭގައި އެހީގެ ތަކެތި ހިފައިގެންދިޔަ 16 މީހުން ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 60,000 އަށްވުރެ ގިނަ މީހުން ޣައްޒާއިން މަރާލާފައި ނުވަތަ ޝަހީދު ކޮށްފައި ވެއެވެ.