ޑިމޮކްރެސީ ދެމެހެއްޓުމަށް ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް މުހިންމު- ހީނާ

އާނާ ފަހީމް | 21 ދުވަސް ކުރިން - 19 ޖޫން 2025 23:14
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު/ ފޮޓޮ: ރައީސް އޮފީސް
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު/ ފޮޓޮ: ރައީސް އޮފީސް
ޚުލާސާ

ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެސީގެ އަސާސްތައް އަށަގެންނެވުމާއި ޑިމޮކްރެސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިއްމާދާރު ސިޔާސީ ޙަރަކާތްތައް ހިންގުމާއި ޤައުމަށްޓަކައި އަޑު އުފުލުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށް ހީނާ ވިދާޅުވެއްޖެ.

ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ކުރިއަރަމުން އަންނަ ޤައުމެއް ކަމަށާއި، މިނިޒާމު ފުރިހަމައަށް އަށަގެންނެވުމަށްޓަކައި، ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް އެބައޮތް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ހީނާ މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ޚާއްސަކޮށް، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ޒިންމާދާރުކަން އިސްކޮށް، ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އަޑުއުފުލުމަކީ ޑިމޮކްރެސީގެ މުހިންމު އަސާސެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެއްވެ އުޅުމުގެ މިނިވަންކަމަކީ ޑިމޮކްރެސީގެ މުހިންމު ހަމައެއް ކަމަށް އެކަމަނާ ފާހަގަކުރައްވައި ވިދާޅުވީ، މީގެ ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެ އުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަޙައްދަށް އެކަނި ކަމަށެވެ. ނަމަވެސް، މި ސަރުކާރުންވަނީ އެކަން ބަދަލުކޮށް، ކާނިވާ ސަރަޙައްދުގެ އިތުރުން މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަޙައްދު)، އުސްފަސްގަނޑު އަދި ރަސްފަންނަކީވެސް ކުރިން ހުއްދަ ނެގުމަކާނުލާ ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ، މިގޮތަށް ކަނޑައެޅި، ރައްޔިތުންނަށް ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި، ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ގާނޫނުގެ ވެރިކަމާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި ރިވެތި އަސާސެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%