ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުވެއްޖެއެވެ.
މި ދެ ގޮފީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބުވެފައިވަނީ އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އިންތިހާބުކުރަން ޖެހޭ އަދަދަށް އެކަނި މެންބަރުން ކުރިމަތިލައްވާފައި ވާތީ، ވޯޓަކާ ނުލައެވެ.
އެ ގޮތުން، ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހީމް އަބާން އަބްދުއްލަތީފެވެ.
އަންހެނުންގެ ހަރަކާތުގެ އެހެނިހެން މަގާމުތަކަށް ބަލާއިރު:
- ނައިބު ރައީސް: އާމިނަތު ހުސައިން ޝަރީފް (ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަނބަލުން)
- ސެކްރެޓަރީ: އާމިނަތު ނާސިހާ
- ހަޒާންދާރު: އާމިނަތު ޝިޒުލީން
ޒުވާނުންގެ ހަރަކާތުގެ އެހެނިހެން މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ:
- ނައިބު ރައީސް: ހަސަން ޝަހީދު (ސަންޗޭޒް - އެޗްޑީސީގެ މާކެޓިންގ އެންޑް ޕީއާރުގެ އެސިސްޓެންޓް ޑިރެކްޓަރު)
- ސެކްރެޓަރީ: އިސްމާއީލް އަޒުމީ
- ހަޒާންދާރު: މުހައްމަދު ރިފާއު
ޕީއެންސީގެ އިސް އެހެން މަގާމުތަކަށް މީހުން އިންތިހާބުކުރުން އޮންނާނީ މި ހިނގާ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ބޮޑު ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދާނީ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. އެގޮތުން ހޮވަންޖެހޭ 6 ނައިބު ރައީސުންގެ މަގާމަށް 8 ބޭފުޅަކު ވާދަކުރައްވާނެއެވެ.









